ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޔުޓިލިޓީ އޮތޯރިޓީ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ބައެއް އެމްޑީޕީގެ މެންބަރުންގެ ނުރުހުން އަމާޒު ކުރެއްވިއިރު، ބިލުގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ރާއްޖޭގައި ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓް ކުރާނީ އެ އޮތޯރިޓީންނެވެ. މި ގޮތުން ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި ލައިސަންސް ބާތިލް ކުރުމާއި ހިދުމަތްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު އޮތޯރިޓީއަށް ދީފައިވެ އެވެ.
ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ނުރުހުން އަމާޒު ކުރެއްވީ ބިލު އޮތީ ލާމަރުކަޒީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ. މާލޭގައި ހުންނަ އޮތޯރިޓީއަކަށް އަތޮޅުތަކުގައި ދެމުންދާ ހިދުމަތުގެ އަގު ކޮންޓްރޯލް ކުރެވޭތީ ކަމަށް ވިދާޅުވެ އެވެ. އަދި ލައިސަންސް ބާތިލް ކުރުމުގައި އެންވަޔަރަަމެންޓް މިނިސްޓަރަށް އެންގެން އޮންނަ ކަމަށް ބިލުގައި އޮތުމުން އެ ކަމަށް ވެސް ބައެއް މެންބަރުން ފާޑުވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް (ބޮންޑެ) ވިދާޅުވީ، އެ ބިލު ފަރުމާ ކޮށްފައި އޮތީ އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯ އާއި އެޖެންޑާ 19 ގެ މެނިފެސްޓޯގެ ސިޔާސަތުތަކަށް ނުފެތޭ ގޮތަށް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުން ކަމަށްވީއިރު، ސަރުކާރުން ފޮނުވާފައި އޮތް ބިލު އޮތީ މާލެއަށް ބާރުތައް ޖަމާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔުޓިލިޓީ އޮތޯރިޓީގެ ބިލު ފަރުމާކޮށްފައި އޮތީ އެޖެންޑާ 19 އަށް ފެތޭ ގޮތަކަށް ނޫން. ސަރުކާރުން ބިލު ފޮނުވާއިރު އެބަ ޖެހޭ އެމްޑީޕީގެ އެޖެންޑާ 19 ގެ ސިޔާސަތުތަކަށް ފެތޭ ގޮތަށް ފޮނުވަން. އެކަމަކު މި ބިލު އޮތީ އަނެއްކާ ވެސް މާލެއަށް ބާރުތައް ޖަމާވާ ގޮތަށް. ސަރުކާރުން ފޮނުވިޔަސް ބިލުގައި އޮތް އެއްޗެއް ދޯ އަޅުގަނޑުމެނަށް ކިޔޭނީ." ބޮންޑެ ވިދާޅުވި އެވެ.
މިހާރު ވެސް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުގައި އެނާޖީ އޮތޯރިޓީ އޮފް މޯލްޑިވްސްގެ ނަމުގައި އޮތޯރިޓީއެއް އޮންނަ ކަން ފާހަގަ ކުރައްވައި ބޮންޑެ ވިދާޅުވީ އޭގެ ސަބަބުން ވެސް ރައްޔިތުނަށް ބޭނުންވާ ފެންވަރުގެ އަދި އެފަދަ އަގަކަށް ހިދުމަތް ނުލިބޭ ކަމަށެވެ. އަދި ހިދުމަތް ނުލިބޭ ހާލުގައި ވެސް ފައިސާ ދައްކަން ބިލު ފޮނުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑެ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އޭނާ ވިދާޅުވީ ބޮންޑެ ވާހަކަ ދައްކަވަމުން ގެންދަވަނީ ބިލުގައިވާ ކަންކަަން އޮޅުވާލައިގެން ކަމަށެވެ. އަދި މެންބަރު ސާފުކޮށް އެ ބިލު ކިޔުއްވިތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މެންބަރު ޣަފޫރު ދެއްކެވި ވާހަކައަށް ރައްދު ދެެއްވަމުން ބޮންޑެ ވިދާޅުވީ އޭނާއަކީ "ވަކި މިނިސްޓަރެއްގެ ފައިބުޑަށް ވެއްޓޭނެ މީހެއް ނޫން،" ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާ ވެގެން ކައިރީގައި އުޅޭ މިނިސްޓަރެއްގެ ފޫބުގައި ނޫޅުއްވާނެ" ކަމަށެވެ. ސަރުކާރުން ގޯސްކޮށް ކަމެއް ކުރުމުން އެ ވާހަކަ އޭނާ ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.
ބޮންޑެގެ ވާހަކަ ދައްކަވަނިކޮށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ވެސް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އަނދުން ވިދާޅުވީ ބޮންޑެ ވާހަކަ ދައްކަވަމުން ގެންދަވަނީ ބިލުގެ ހުރިހާ މަހުފޫމެއް އޮޅޭ ގޮތަށް ކަމަށެވެ. ވިދާޅުވީ، މައްސަލައެއް ދިމާވާއިރަށް އެހެން ހަދައިގެން ނުވާނެ ކަމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބިލަކަށް ބަހުސްކުރައްވައި ވާހަކަ ދައްކަވަމުންދާއިރު އޮޅުވާލައިގެން ވާހަކަ ދެއްކުމާއި ހަގީގަތަށް ވާހަކަ ދެއްކުމަކީ ވެސް އެ މެންބަރެއްގެ އިހްތިޔާރުގައިވާ ކަމެއް ކަމަށެވެ. އޭގައި ނިޒާމީ މައްސަލައެއް ނެތް ކަމަށެވެ.
ބިލަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ދެން ވާހަކަ ދެއްކެވީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. އޭނާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދައި ވަކި ބިލެއް ހަދަން ވެސް ނުޖެހޭ ކަމަށެވެ. ހިދުމަތްތައް ރެގިއުލޭޓް ކުރުމުގެ ގޮތުން ކުރަންވީ ކަމަކީ ލާމަރުކަޒީ ގާނޫނަށް އެ ކަމަށް މާއްދާތަކެއް އިތުރުކޮށް އެ ގާނޫނު އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލަށް ރިޒާ ފާޑު ވިދާޅުވަމުން ދެން ވިދާޅުވީ، އޮތޯރިޓީތަކުން މިހާރު ސަލަމާތްވެގެން ނޫޅޭއިރު އެއިން ކޮންމެ އޮތޯރިޓީއެއް ބަލަހައްޓަން އޮތޯރިޓީއެއް ހެދުން ދެކޮޅު ނުޖެހޭ ކަމަށެވެ. އެ ކަމަށް ހޭދަވާ ފައިސާ ވެސް ކައުންސިލްތަކަށް ދޫކޮށްގެން އެ ކަން ކުރުން ބުއްދިވެރި ކަމަށެވެ. ބިލު އޮތީ "ވޮޗަރެއްގެ ފަހަތުގައި ވޮޗަރެއް" ބަހައްޓާ އުސޫލުން ކަމަށެވެ.
ރިޒާ ބަހުސް ކުރައްވަމުން ދަނިކޮށް ވެސް އަނދުން ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އަނދުން ވިދާޅުވީ "ވޮޗަރެއްގެ ފަހަތުގައި ވޮޗަރެއް" ބަހައްޓަން ބިލަކު ނެތް ކަމަށެވެ. އަދި މެންބަރު ރިޒާ ވާހަކަ ދައްކަވާއިރު ބިލުގައިވާ ކަންކަން ފާހަގަ ކުރައްވައި ވާހަކަ ދެއްކެވުމަށާއި ބިލުގެ މަގްސަދުތައް ވެސް ވިދާޅުވާން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، "މިއަދަކީ އިއްޒަތްތެރި މެންބަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ރަނގަޅު ނަސޭހަތް ދެއްވާ ދުވަހެއް ކަން ފާހަގަ ކުރެވޭ" ކަމަށެވެ. އެހެންކަމުން "ސުރުހީގެ އިތުރުން ބިލު ވެސް ވިދާޅުވާން" ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ރިޒާއަށް ބަހުސް ކުރައްވަން ފުރުސަތު ދެއްވި އެވެ.
އަލީ ރިޒާ ދެން ވިދާޅުވީ، ބައެއް މެންބަރުން ހިތްހަމަޖެހުން ފާޅު ކުރުމުގެ ކުރިން އެހެން މެންބަރުން ދައްކާ ވާހަކަ ވެސް ރަނގަޅު އަޑުއައްސަވަން ޖެހޭ ކަމަށެވެ. އަދި އޭނާ ތަމްސީލު ކުރައްވަނީ މިލަންދޫ ދާއިރާ ކަމަށާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް އޭނާ ދައްކަވަން ޖެހޭ ވާހަކައެއް ދައްކަވަން ޖެހޭ ކަމަށެވެ.
އޭނާ ދެން ވިދާޅުވީ މެންބަރުން ވެސް ހިތްހަމަނުޖެހުން ފާޅުކުރާއިރު އަނެއް މެންބަރު ދައްކަވާ ވާހަކަ އަޑުއައްސަވަން ޖެހޭ ކަމަށެވެ. "އެއްވެސް ޒިންމާދާރު ކަމެއް ނެތި މެންބަރަކު ދައްކާ ވާހަކަ އަޑުއެހުމެއް ނެތި އެހެން ވާހަކަ ދައްކަންޏާ ރައްޔިތުން އެ މެންބަރުންގެ މަސްއޫލިއްޔަތު އަދާ ކުރުމާ ގުޅޭ ގޮތުން ސުވާލު އުފައްދާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލަށް ފާޑުވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ ބިލުގައި ހަމައެކަނި ބައެއް ހިދުމަތްތައް ލިޔުމުގެ ބަދަލުގައި ހުރިހާ އަސާސީ ހިދުމަތްތައް ވެސް ލިޔަން ޖެހޭ ކަމަށެވެ. އެ ގޮތުން ރައްޔިތުންނަށް "މަދިރިން ވާ އުނދަގޫތައް" ވެސް ލިޔަންވީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވެސް ރައްޔިތުންނަށް ދިމާވާ ދަތި ކަމެއް ކަމަށް ވިދާޅުވެ ބިލަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވި އެވެ.
ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ބާރުތައް ދޫކޮށްދޭ ވާހަކަ ދައްކާއިރު ބައެއް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް "އައިޑީކާޑު" ހައްދާލެވޭ ގޮތް ވެސް ނޭނގޭ ކަމަށެވެ. އޮތޯރިޓީތައް އޮވެ ސަލާމަތް ނުވާއިރު ރައްޔިތުން އުޅެނީ މިފަދަ އަސާސީ ކަންކަން ވެސް ކޮށްނުލެވެގެން ކަމަށެވެ. ލާމަރުކަޒީ އުސޫލުން ކަންކަން ކުރެވޭނެ ގޮތަށް ބިލު ފަރުމާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮތޯރިޓީސްތައް ގިނަވެގެން މި އުޅެނީ ސަލާމަތް ނުވެގެން. އަނެއްކާ ކޮންމެ އޮތޯރިޓީއެއް ބަލަހައްޓަން އޮތޯރިޓީއެއް އަޅުގަނޑުމެން ހަދަންވީ. އަސްލު އަޅުގަނޑުމެން ސެންޓްރަލައިޒް ކޮށްފައި ހުރި ކަންކަން ދޫކޮށްލަން އެބަ ޖެހޭ. 187 ރަށުގައި މީހުން ދިރިއުޅޭ، މި ވަރަށް އޮތޯރިޓީސް މަދީތޯ." ރިޒާ ވިދާޅުވި އެވެ.
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ އެހެން މެންބަރުންނާ ހިލާފަށް އޭނާ އެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މެންބަރުން ވާހަކަ ދައްކަވާއިރު ކަންކަން އޮތް ގޮތް ސާފުކޮށް ޒިންމާދާރު ކަމާއެކު ވާހަކަ ދެއްކެވުން މުހިއްމު ކަމަށެވެ. ހިދުމަތެއް ދޭނަމަ އެ ރެގިއުލޭޓް ކުރެވޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލުގެ ދިފާއުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވާހަކަ ދެއްކެވި އެވެ. އަދި ބިލަށް ފާޑުވިދާޅުވެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވާހަކަ ދެއްކެވި އެވެ.