ހަބަރު

އެނިއުރިޒަމްގެ އޮޕަރޭޝަންތަކެއް އޭޑިކޭގައިކޮށްފި

ބައްޔެއްގެ ސަބަބުން ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅީގައި އުފެދޭ އެނިއުރިޒަމް ބައްދައިދީ އަދި ގޯސްވެ ފަޅައިގެން ދިޔަ ނުދިނުމުގެ ކާމިޔާބު އޮޕަރޭޝަންތަކެއް އޭޑީކޭއިން ކޮށްފި އެވެ.

މި އޮޕަރޭޝަންތަކާގުޅޭ މައުލޫމާތު ދޭނ މިއަދު އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އޭޑީކޭއިން އެފަދަ ތިން އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފައިވާ ކަމަށެވެ.

އައްފާލް ވިދާޅުވީ މިފަދަ ހާލަތެއް ދިމާވާ މީހަކު ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ނުކޮށް އޭޑީކޭގެ ކެތު ލެބުގައި ކުރާ ކުޑަ އޮޕްރޭޝަނަކުން، އެނިއުރިޒަމް ގޯސްވެ ފަޅައިގެން ނުދަނީސް އެތެރެއަށް ކޮއިލް ލައްވައިގެން ރަނގަޅު ކޮށްލެވޭނެ ކަމަށެވެ.

އެނިއުރިޒަމަކީ ބައްޔެއްގެ ސަބަބުން ނުވަތަ އެހެންވެސް އެފަދަ ކަމަކުން ސިކުނޑިއަށް ލޭ ފޮނުވާ ހޮޅިތައް ބެދިގެން އުފެދޭ ތުނި ހަންކޮޅެއް ފަޅައިގެން ދިޔަ ނުދިނުމަށް ނާރުގެ ތެރެއަށް ކޮއިލް ލައްވައި ނާރު ފުޅާ ކުރުމެވެ.

ނާރުގެ ބަލިތަކުގެ ހާއްސަ އޮޕަރޭޝަނާބެހޭ ޑރ. އަލީ ނިޔާފް ވިދާޅުވީ އޭރަށް މައްސަލަ ހައްލު ކުރެވި ސްޓްރޯކް ޖެހުމުން މީހާ ސަލާމަތްކުރެވޭނެ ކަމަށެވެ.

ނިޔާފް ވިދާޅުވީ ސިކުނޑީގެ ނާރުތަކުގައި އެނިއުރިޒަމް އުފެދިފައިވާކަން އެނގޭއިރު ގިނަ ހާލަތްތަކުގައި ނާރު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭއެޅިފައި ހުންނަ ކަމަށެވެ. އަދި އެފަދަ ހާލަތެއް ދިމާވެ އޮޕްރޭޝަނަކަށް ދިޔަ ނަމަވެސް ފުރާނަ ސަލާާމަތް ކުރަން ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. އެފަދަ ހާލަތެއްގައި ކުރާ އޮޕަރޭޝަންތަކަކީ މާ ކާމިޔާބު އޮޕަރޭޝަނަކަށް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އޭޑީކޭއަށް މިހާރު މިފަދަ ކަމަކަށް ޝައްކު ކުރެވިގެން 12 މީހަކު ދައްކައިފި. އެކަމަކު މިކަހަލަ ކޮއިލްއެއް ލައްވައިގެން ކުޑަ އޮޕަރޭޝަނެއް މި ކުރީ ތިން މީހުންގެ. މި މީހުން ހޮސްޕިޓަލްގަ ތިބެން ޖެހޭނީ އެންމެ ގިނަ ވެގެން ވެސް ފަސް ވަރަކަށް ދުވަހު. އަދި މިކޮޅުން ކުރި ހުރިހާ އޮޕަރޭޝަނެއް ވެސް ވަރަށް ކާމިޔާބު... މިހާރު ސްކޭންކޮށް އެމްއާރުއައި ނުވަތަ އެންޖިއޮގްރަފީ ހަދައިގެން އެނިއުރިޒަމް އުފެދިފައިވާކަން އެނގޭނެ. ހާލަތު މާ ގޯސް ނުވަނީސް ސިކުނޑީގެ ނާށިގަނޑު ކަފާލައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ނާރެއްގެ ތެރެއަށް ސްޓެންޓް ލައްވައިގެން އެކަން ހައްލު ކުރެވޭނެ." ނިޔާފް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެއިން ބޭރުން ކުރަމުން އައި މި އޮޕަރޭޝަން ރާއްޖެއިން މިހާރު ކުރެވޭއިރު އައްފާލް ވިދާޅުވީ މިއީ ވަރަށް އަގު ބޮޑު އޮޕަރޭޝަނެއް ކަމަށާއި މިކަމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި މިވަގުރު އޭޑީކޭ އިން ކުރި މީގެ އެއްވެސް އޮޕަރޭޝަނެއްގައި އާސަންދަ ނުހިމެނޭނެ ކަމަށާއި ނަމަވެސް މިކަމަށް ހަރަދުވާ ވަރާއި ހުރިހާ އަގުތައް އާސަންދަ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ އާންމު މީހަކަށް ހަރަދުކުރެވޭ ވަރަށް ވުރެ އަގުބޮޑު އޮޕަރޭޝަނެއް ކަމަށެވެ.