ހަބަރު

ބައިޕާސް ސާޖަރީގެ 65 ފަސެންޓް އާސައިންދައިން ކަވަރުކުރާނެ

ބައިޕާސް އޮޕަރޭޝަނެއް ނުވަތަ އޮޕެން ހާޓް ސާޖަރީ ކުރުމަށް ދާ ހަރަދުގެ 65 ފަސެންޓް އާސަންދައިން ކަވަރުކުރާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވެއްޖެ އެވެ. އައްފާލް މިހެން ވިދާޅުވީ އިއްޔެ އޭޑިކޭގައި ކުރި ރާއްޖޭގެ ފުރަތަމަ ބައިޕާސް އޮޕަރޭޝަނާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

މި އޮޕަރޭޝަން ހެދުމަށް އޭޑީކޭއިން ވަނީ ތަފާތު ޕެކޭޖުތަކެއް ކަނޑައަޅާފަ އެވެ. ކޮންމެ ޕެކޭޖެއްވެސް އެކުލަވާލާފައި ވަނީ އެމީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހިސާބުން ފެށިގެން، ސާޖަރީކުރުމަށްފަހު ހޮސްޕިޓަލުން ޑިސްޗާޗުކުރަންދެން ދާ ހަރަދު ހިމެނޭ ގޮތަށެވެ. އަދި މި އޮފަރޭޝަންކުރުމުގެ ކުރިން ހަދަންޖެހޭ ހިތުގެ ޓެސްޓުތައް ކަމުގައިވާ އެންޖީއޯގްރާމް އާއި އެންޖީއޯ ޕްލާސްޓީ ހެދުމަށް އާސަންދައިން 75 ފަސެންޓް ކަވަރުކުރާނެ އެވެ.

"ރާއްޖެއިން ބޭރުގައިވެސް މި އޮޕަރޭޝަން ކުރުމަށްދާ އަގުތަކާއި ދާދި އެއް އަގުތަކެއްގައި އޭޑީކޭއިންވެސް މި އޮޕަރޭޝަން ކުރެވޭނެ، އެއާއެކު މި އޮޕަރޭޝަން ކުރުމަށް ދިވެހިން ރާއްޖެއިން ބޭރަށް ދާދިއުމަށް އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ލިބިގެންދާނެ،" އައްފާލް ވިދާޅުވި އެވެ.

މި އޮޕަރޭޝަން ކުރެއްވުމުގައި އިސްކޮށް ހުންނެވީ އޭޑީކޭގައި މަސައްކަތްކުރައްވާ ދިވެހި އޮޕަރޭޝަން ޑޮކްޓަރު، ޑރ. މުހައްމަދު ޝާފިއު އެވެ. ޑރ. ޝާފިއުއަކީ އިންޑިއާގައި ފުރަތަމަ ފަހަރަށް ހެދި ކުޑަކުއްޖެއްގެ ވަރަށް ނާޒުކު ހިތުގެ އޮޕަރޭޝަނެއްގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އެ ބޭފުޅާއަކީ ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަންގެ ގޮތުގައި ރާއްޖޭގެ މަސައްކަތްކުރައްވަން ފެއްޓެވި ފުރަތަމަ ޑޮކްޓަރެވެ.

މި އޮފަރޭޝަން ކުރުމުގައި އޭޑީކޭގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވި އެވެ. އެއީ ހަ ދިވެހިންނާއި ހަ ބޭރުގެ މީހުންނެވެ. ޑރ. ޝާފިއު ވިދާޅުވީ މި އޮޕަރޭޝަން އެހާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ އޮޕަރޭޝަންކުރި ޕޭޝަންޓުގެ އާއިލާގެ ފުރިހަމަ އެއްބާރުލުމާއިވެސް އެކުގައި ކަމަށެވެ.

"މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ދިވެހި ސިއްހީ ހިދުމަތްދޭ ތަނަކަށް އިތުބާރުކޮށް، އަދި ދިވެހި ޑޮކްޓަރަކަށް އިތުބާރުކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ބައިޕާސް އޮޕަރޭޝަން ކޮށްފައި ވަނީ މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން އަންނަ 54 އަހަރުގެ ދިވެއްސެއްގެ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށާއި، ވެންޓިލޭޓަރުން ޕޭޝަންޓު ނެގުމަށްފަހު އާއިލާއާއިވެސް މިހާރު ބައްދަލުކޮށްފައިވާ ކަމަށް ޑރ. ޝާފިއު ވިދާޅުވި އެވެ. އެއްކޮށް ރަނގަޅުވުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި ދިހަވަރަކަށް ދުވަސް ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް ޑރ. ވިދާޅުވި އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ، ގައިދީއެއްގެ ހިތުގެ އޮޕަރޭޝަނެއް ކުއްލި ގޮތަކަށް ކުރަންޖެހުނީ، އޭނާގެ އެންޖީއޯގްރާމެއް ހަދަންޖެހިގެން އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ހެދި ސްކޭނުން އޭނާގެ ހިތުގެ ނާރެއް ބެދިފައިވާ ކަމަށް ދެއްކުމުން، ބައިޕާސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދެއްވުމުން ކަމަށެވެ.

އޭޑީކޭއިން މިދިޔަ މޭ މަހު ހުޅުވި އެ ހޮސްޕިޓަލްގެ "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ" (ހައިޓެކް) ގައި އިއްޔެ ހަވީރު 5:20 ހާއިރު ފެށި އެ އޮޕަރޭޝަން ނިންމާލީ ރޭ ދަންވަރު 3:00 ހާއިރު އެވެ.