އެފްއޭއެމުގެ އިންތިހާބުގައި ވަކިވަކި ފަރުދުންގެ ބަދަލުގައި ޓީމެއްގެ ގޮތުގައި ވާދަކުރަންޖެހޭ ގޮތަށް ނިންމައި ވޯޓުދިނުމުގެ ފުރުސަތު 44 ކުލަބަކަށް ދިނުމަށް އެފްއޭއެމުގެ އަސާސީ ގަވާއިދު ފާސްކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނުގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި މިގޮތަށް ފާސްކުރީ ކޮންގްރެސްގައި ބައިވެރިވާން ޖެހޭ 13 ކުލަބުގެ ތެރެއިން ބައިވެރިވި 10 ކުލަބެއްގެ ތާއީދާއެކުގަ އެވެ.
މީގެ އިތުރުން އެފްއޭއެމުގެ ހިންގާ ކޮމިޓީގެ އަދަދު ހަތަކުން ނުވަ މެމްބަރުންނަށް އިތުރުކޮށް، އެފްއޭއެމުން އަލަށް އުފެއްދި ރެފްރީޒް އެސޯސިއޭޝަނާއި ޔޫތު ފުޓްބޯލް އެސޯސިއޭޝަން އަދި ފުޓްސަލް އާއި ވެޓްރަންސްގެ އިތުރުން ވުމަންސް އާއި ޕްލޭޔާސް އެސޯސިއޭޝަނަށް ވެސް ވޯޓުލުމުގެ ފުރުސަތު ދީފައިވެ އެވެ.
ޓީމެއްގެ ގޮތުގައި އިންތިހާބަށް ކުރިމަތިލުމަށް ވޯޓުދިނުމުގެ ފުރުސަތު ލިބިފައިވާ ފަސް ކުލަބެއްގެ ތާއީދު ހޯދަންޖެހޭނެ އެވެ. މީގެ ތެރެއިން ތިން ކުލަބު ވާންޖެހޭނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށެވެ. އަދި އެއްވެސް ކުލަބަކަށް ދެ ބަޔަކަށް ތާއީދެއް ނުދެވޭނެ އެވެ.
އިންތިހާބު ބާއްވަންދެން އެ އިދާރާއިން އެފްއޭއެމް ހިންގަން ހަވާލުކޮށްފައިވާ ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މިއަދު ވިދާޅުވީ މިބަދަލުތަކާއެކު މިއަދަކީ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީހީ ދުވަހެއް ކަމަށެވެ.
"މީގެ ސަބަބުން ޔަގީނުން ވެސް ދިވެހި ފުޓްބޯޅަ އަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެ. މީގެ ސަބަބުން ފުޓްބޯޅަގެ އެންމެ އިސް މަގާމަށް ދެން އާދެވޭނީ ކުލަބުގެ ތާއީދު އޮތް ބޭފުޅަކަށް. އަދި އެކްސްކޯ ވެސް ވާނީ ކުލަބުގެ ތަކުގެ ތާއީދު އޮތް ބަޔަކަށް. ކުރިން އޮންނަންހެން ވަކިވަކި މީހުންތަކެއް އައިސް ހިޔާކުތަފާތުވެ ބައިބައިވުން އުފެދެން މިހާރު ފުރުސަތެއް ނޯންނާނެ،" އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު ވިދާޅުވި އެވެ.
މި ބަދަލުތަކާއެކު އިންތިހާބަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.