ސާކް ސަރަހައްދުގެ އެހެން ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަނުގައި ވެސް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ރާއްޖެއިން މިހާރު މިސާލު ދެއްކިދާނެ ކަމަށް އެފްއޭއެމުގެ ކޮންގްރެސްގައި މިއަދު ބައިވެރިވި ފީފާގެ މަންދޫބު ޕްރިމޯ ކޮވާރޯ ވިދާޅުވެއްޖެ އެވެ.
ކުރިން ވެސް ދެ ފަހަރެއްގެ މަތީން ރާއްޖެ ވަޑައިގެންފައިވާ ޕްރިމޯ ވިދާޅުވީ ކުރީ ދެ ފަހަރާ ހިލާފަށް މި ފަހަރުގެ ކޮންގްރެސްގައި އޭނާ އަށް ފެނުނީ ކުލަބުތަކުން ގޮތް ދޫކުރުމަށްފަހު ކުރިއަށްދިޔަ ތަން ކަމަށާއި މިކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"ކުރީ ފަހަރުތަކުގައި އެބަހުރި ވޯޓު ނުލެވިގެން ކުރިއަށް ނުގެންދެވިފައި ވެސް. އެކަމަކު މިއަދު ވަރަށް އެކުވެރިކޮށް އެންމެވެސް ތިބީ. އަހަރެން މިހާރު ފީފާގައި ބުނަންޖެހެނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ކަންކަން ދަނީ ވަރަސް ރަނގަޅަށޭ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ މި ސަހަރައްދުގައި އެހެން ގައުމުތަކުގައި ވެސް މަސައްކަތްތައް ހައިޖެކްވެފައި އެބަހުރި. އެގައުމުތަކަށް ރާއްޖޭގެ މި ނަމޫނާ ދެއްކިދާނެ،" ޕްރީމ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ވިހާ އަވަހަކަށް އެފްއޭއެމުގެ އިންތިހާބު ބާއްވައި ރަސްމީކޮށް ބަޔަކާ އެ އިދާރާގެ ހިންގުން ހަވާލުކުރުމަކީ ފީފާއިން އެދޭގޮތް ކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީން މި މަސައްކަތް ލަސްނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"މިހާރު ވަރަށް ގިނަ ބަޔަކަށް ވޯޓުލެވޭނެ. ފުޓްބޯޅައިގެ އެންމެންގެ ބައިވެރިވުން ބޮޑުވާނެ. މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑ ކުރިއެރުމެއް،" ޕްރީމޯ ވިދާޅުވި އެވެ.
އެފްއޭއެމުގެ އިންތިހާބު ބޭއްވުމުގެ ކުރިން ފީފާއިން އެކުލަވާލާފައިވާ އަސާސީ ގަވާއިދު ފާސްކުރީ މިއަދު އެވެ. މި ގަވާއިދުގެ ދަށުން އިންތިހާބަށް ވާދަކުރަންޖެހޭނީ ޓީމެއްގެ ގޮތުގަ އެވެ. އަދި ވޯޓުލުމުގެ ފުރުސަތު އެފްއޭއެމުން އުފެއްދި ފުޓްބޯޅައިގެ ހަ އެސޯސިއޭޝަނަކަށާއި 44 ކުލަބަށް ވަނީ ދީފަ އެވެ. ކުރިން ވޯޓުލެވެނީ 13 ކުލަބަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް މީގެ ތެރެއިން ފަސް ކުލަބުގެ ތާއީދު ހޯދަންޖެހޭނެ އެވެ.