ވިޔަފާރި

ކޮމިއުނިޓީ ފަންޑުން ހުޅުމީދޫ ކޯގަންނު ސަރަހައްދަށް ފުރިހަމަކަން

Feb 27, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން، އައްޑޫ ހުޅުމީދޫ ކޯގަންނު ސަރަހައްދުގައި ހިމެނޭ "ރާފަޅާ ބީޗަށް" ފުރިހަމަކަން ގެނެސް ދީފި އެވެ.

ބީއެމްއެލް ކޮމިއުނީޓީ ފަންޑުގެ އެހީގައި އެ ސަރަހައްދު ތަރައްގީކޮށް ނިމުމާއެކު މިހާރު އެތަން ވެފައިވަނީ އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން ޖަމާވާ ތަނެއްގެ ގޮތުގަ އެވެ. މި ސަރަހައްދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް ވެސް ބާއްވަ އެވެ.

މި މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރީދާ އިބްރާހިމް ވިދާޅުވި ގޮތުގައި މި ރަށަށް އަންނަ ކޮންމެ މީހަކު ވެސް މި ސަރަހައްދަަށް ޒިޔާރަތް ކުރާ ކަމަށެވެ.

"މި ރަށަށް އަންނަ ކޮންމެ މީހަކު މި ތަނަށް [ކޯގަންނަށް] ނައިހެއް ނުދޭ. މީގެ އަހަރުތަކެއް ކުރިން މިތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް. އަޅުގަނޑުމެން ބޭނުންވީ މި ތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުން. އަމިއްލަ އަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން، އެތަން ހިތް ފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އޮތްވާ ބީއެމްއެލްގެ އެހީތެރިކަން ލިބުނީ. މިއީ އަންހެނުންގެ އިސް ނެގުމެއް. އަދި މުޅި މަސައްކަތް ފުރިހަމަ ކުރީ ވެސް ހަމަ އަޅުގަނޑުމެން އަންހެންނުން،" ފަރީދާ ވިދާޅުވި އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން" ހުށަހަޅާ ޕްރޮޕޯސަލް ތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާ، ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މި އަހަރުގެ ކޮންމެ ކުއާޓަރު އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ގޮތުން ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއް މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.