ހަބަރު

ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާގެ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާ، ތަހުގީގު ކޮމެޓީ އެކުލަވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ކޮމިޝަނުން ބުނީ މިއަދު ބޭއްވި ބައްދަލްވުމުގައި މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީން ބެލުމަށްފަހު، އެ ކޮމިޝަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ހުޒައިފާގެ މައްސަލައެއް ބަލަން ނިންމާ، ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާއިރު ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ނުބަލަންވެސް ޖުލައި 3، 2019 ގައި އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. ހުޒެއިފާއާ ދެކޮޅަށް އެ ޝަކުވާ ހުށަހެޅި ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށްވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން އެ ދުވަހު ވަނީ ބުނެފައެވެ.

މީގެ އިތުރުން ލ. ގަމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުއްފައްތާހު އަބްދުލްގަފޫރުގެ ސުލޫކީ މައްސަލަ ބެލުމަށްވެސް ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.

އަދި ގއ. ވިލިގިލި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަޒީމް ހަސަނަށް މުސާރައާ އިނާޔަތް ނުލިބޭ ގޮތަށް މަސައްކަތަށް ނިކުތުން މަސް ދުވަހަށް މަނާކުރުމަށް ވަނީ ނިންމާފައެވެ. އެއީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗަކަށް ދަތުރުތައް ހޯދުމާއި، އެ ދަތުރުތަކާ ގުޅޭ ވިޔަފާރީގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގަށް އެނގިފައިވާތީ ކަމަށް ވަނީ ބުނެފައެވެ.