މާޒިޔާ

މި ކުޅުންތެރިންނަކީ ބަތަލުންތަކެއް

މާޒިޔާގެ ކުޅުންތެރިންނަކީ، ބަތަލުން ތަކެއް ފަދަ ބައެއްގެ ގޮތުގައި މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ސިފަ ކޮށްފި އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ދެ ވަނަ ލެގް މެޗުގައި ޕެނަލްޓީ ޖަހައިގެން ބެންގަލޫރު އެފްސީ ބަލި ކުރުމަށް ފަހު، ސެކްލޮސްކީ ވަނީ މެޗުގައި މާޒިޔާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފަ އެވެ. މެޗުގެ އެގްރިގޭޓް ނަތީޖާ ހަމަހަމަ ވުމުން، އެކްސްޓރާ ޓައިމްގައި ވެސް މާޒިޔާގެ ކުޅުންތެރިން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ.

އަވަސް އާ ވާހަކަ ދައްކަމުން ސެކްލޮސްކީ ބުނީ، ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވި ހުރިހާ ކަމެއް ފެނިގެން ދިޔަ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް،" ސެކްލޮސްކީ ބުންޏެވެ. "ސަބަބަކީ އިންޑިއާގެ ސުޕަ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ކަޓުވާލުމަކީ ފަސޭހަ ކަމެއް ނޫން."

ބެންގަލޫރު އެފްސީގެ ކޯޗް ކާލޭސް ކްއަޑްރާޓް ބުނީ، ކޮލިފައި ވުމަށްޓަކައި ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭ ހުރިހާ ކަމެއް މެޗުގައި ފެނިގެން ދިޔަ ކަމަށެވެ. އޭނާ ބުނީ، އޭފސީ ކަޕުން ފުރުސަތު ގެއްލުމުން ޕްރެޝަރު ބޮޑު ވެއްޖެ ކަމަށެވެ. އަދި ބުނީ ޕްރެޝަރު އަބަދުވެސް އޮންނާނެ ކަމަށެވެ.