ކުޅިވަރު

ލީގު ހޯދައިދިން ކޯޗުގެ ކުއްލި މަރު، މާޒިޔާ އަށް ފުން ހިތާމައެއް

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު، ސާބިއާގެ މިއޮޑްރަގް ޖެސިކް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މިއަދު މަރުވެއްޖެ އެވެ.

ޖެސިކް މަރުވީ ސާބިއާގެ ޖަރަކް ވިލެޖުގައި މީހުން ދިރިނޫޅޭ ސަރަހައްދެއްގައި ކާރުގައި ދުއްވާފައި ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން ޖެސިކް އިން ކާރު އެކްސިޑެންޓްވީ ޓްރަކެއްގައި ޖެހިގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ޖެސިކް އިން ކާރު އޮތީ އެއްކޮށް ފުނޑުފުނޑު ވެފަ އެވެ.

ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވި ނަމަވެސް މާބޮޑު ގެއްލުމެއް ލިބިފައެއްނުވެ އެވެ. ކާރު ޓްރަކުގައި ޖެހުނީ ޑްރައިވަރަށް ކާރުގެ ސްޕީޑް ކޮންޓްރޯލް ނުކުރެވިގެންނެވެ. އިދާރާތަކުން ތަހުގީގް މިހާރު ފަށާފައިވާއިރު ކާރު ދުއްވި ޑްރައިވަރު އޭރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޖެސިކް މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. ލީގު ޗެމްޕިއަންކަން ހޯދައިދިންއިރު މާޒިޔާ ބަލިވީ ހަމައެކަނި އީގަލްސް އަތުންނެވެ. މޮޅު ކުޅުމެއް ދައްކައި އެޓީމުން ލީގު ކަށަވަރު ކުރިއިރު 76 ގޯލު ވަނީ ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. ލީގުގެ އިތުރުން ޖެސިކް ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އަށް އިރުޝާދުދީފަ އެވެ. އެކަމަކު މާޒިޔާ ގޮވައިގެން ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ.

ޖެސިކްގެ މަރާ ގުޅިގެން މާޒިޔާ އިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ، އުނދަގޫ ހާލަތުގައި ޖެސިކްގެ އާއިލާ އާއި ރައްޓެހިންނަށް ތައުޒިޔާ ރައްދުކުރާ ކަމަށެވެ.

އުމުރުން 64 އަހަރުގައި މަރުވި ޖެސިކް ވަނީ ޑިފެންޑަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދައި ފަހުން ކޯޗެއްގެ ގޮތުގައި ކާމިޔާބީ ހޯދާފަ އެވެ. ޔޫގޯސްލާވިއާގެ 21 އަހަރުގެ ޓީމާއި ސީނިއާ ޓީމަށް ވެސް ޖެސިކް ވަނީ ކުޅެފަ އެވެ.

ކޯޗިންގައި ޖެސިކްގެ ކާމިޔާބީތަކަށް ބަލާއިރު އީރާންގެ ސްފަޒިއޭންއާ އެކު 2000 ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ހޯދި އެވެ. މީގެ އިތުރުން ލީބިއާގެ ފުޓްބޯޅަ ލީގާއި މިޔަންމާގެ ލީގު ޗެމްޕިއަންކަން ޖެސިކް ހޯދި އެވެ.

ޖެސިކްގެ އެންމެ ފާހަގަކޮށެލެވޭ ކާމިޔާބީއަކީ 2005 ވަނަ އަހަރު އޭނާގެ ކޯޗުކަމުގައި ސީއެސްކޭއޭ ސޯފިއާ އިން އިނގިރޭސި ގަދަބާރު ލިވަޕޫލް ބަލިކުރުމެވެ. ލިވަޕޫލް ދަނޑުގައި ސީއެސްކޭއޭ ސޯފިއާ އިން މޮޅުވީ 1-0 އިންނެވެ.