މީހުން

ނިކަން ލޯބިން ކިޔައިދިން "މަވެށި"

ކުޑަކުދިން ނިންދަވާ ގަޑީގައި ކިޔައިދޭ ވާހަކަތައް، ބެޑްޓައިމް ސްޓޯރީޒްތައް އެނގޭ ހެއްޔެވެ؟ މިއީވެސް ދެ ކުއްޖަކަށް އެކުދިންގެ ބައްޕަ ކޮންމެ ރެއަކު ކިޔައިދިން ވަރަށް ހާއްސަ އެފަދަ ވާހަކަ ތަކެކެވެ. މި ވާހަކަތަކުގައި އެކުދިން އުޅެނީ ޕަރީންގެ ދުނިޔޭގަ އެއް ނޫނެވެ. އާދަޔާ ހިލާފު ޖާދޫގެ ދުނިޔެ އެއްވެސް ނޫނެވެ. މިއީ އެ ކުދިންގެ ވެށީގެ ވާހަކަ އެކެވެ.

ކޮންމެ ރެއަކު، ނިކަން ލޯބިން ހުސައިން ޝަހުދީ އޭނާގެ ދެ ކުދިން، ޝަޒާން އާއި ނަޒާން އަށް ކިޔައިދޭ ވާހަކަތަކުން އެ ކުދިން ގެންދަނީ ކޮޓަރިން ބޭރު ވަށައިގެންވާ ސަރަހައްދުތަކަށެވެ. އެއްފަހަރު މޫދުގައި އުޅޭ މަސްތަކާއި މިޔަރު ތަކާއެކު ވާހަކަދައްކާ ހަދާނެ އެވެ. އެހެންޏާ، މަލުން ފޮނި ބޮމުން ފަރިދައްކަމުން އުޅުނު ރީތި ކޮކާލަކަށް ފެނުނު ހުވަފެނެއްގެ ވާހަކަ އެއް ކިޔައިދޭނެ އެވެ. ޖަންގަލީގެ ހަމަލާތަކަކާއި ބުޅަލަކަށް ދިމާވި މަޖާ ވާހަކަތަކެއް ވެސް އެހެން އޮންނަ އިރު ކިޔައިދެ އެވެ. މި ވާހަކަތައް އެއްކޮށް "މަވެށި" އެވެ.

މި ދެކުދިންނަށް ހަމަ ކޮންމެ ރެއަކުހެން މި ވާހަކަތައް ކިޔައިދޭން ޖެހެ އެވެ. އެންމެ ފަހުން ގަނޑެއްގައި ލިޔެ ހުރިހާ ވާހަކަ އެެއް އެއްކޮށް ހީރަސް ޖަހައިގެން އެނދު ކައިރީ ބާއްވައިގެންނެވެ. ޝަހުދީ އަމިއްލަ އަށް އުފައްދަައިގެން ކިޔައިދޭން ފެށި މި ބެޑްޓައިމް ސްޓޯރީޒްތައް މިހާރު ހުރީ ފޮތް ބަޔަކަށް ހަދައި ޕްރިންޓު ކޮށްފަ އެވެ. ފަސް ފޮތަކަށް ކުރެހުންތައް ހިމަނައި އެހެން ކުޑަކުދިންނަށް ވެސް ކިޔައިލެވޭނެ ގޮތަށެވެ. ބޭނުމަކީ ހިޔާލީ ދުނިޔެއިން ނިކުމެ ވެށީގެ ވާހަކަތައް ކިޔައިދިނުމެވެ. ހޭލުންތެރި ކުރުވުމެވެ.

"ވެށީގެ އެތައް ނަމެއް އެ ކުދިންނަށް ނޭނގޭ. އެކުދިން ބަހަށް މޮޅު ބަހަށް ލޯބި ކުރާ ބަޔަކަށް ހަދަން ވީހާވެސް ބޮޮޑަށް ވަށައިގެންވާ ވެށީގެ ދިވެހި ނަންތައް އެކުދިންގެ ހިތްްތަކަށް ވައްދަން ޖެހޭ. ވެއްޓަށް އިންސާނުން ދެމުންދާ ގެއްލުންތަކާއި އެ ގެއްލުންތައް ލިބޭ ގޮތްތައް އަަންގައިދީ ހޭލުންތެރި ކުރުވަން ޖެހޭ" ޝަހުދީގެ ވާހަކަތައް ތިމާވެއްޓާ ގުޅުވުމުގެ ބޭނުން ކިޔައިދިނެވެ.

މި ފަސް ފޮތް، "އެެކުވެރި ތިން މިޔަރު" އާއި "ބުއްދިވެރި ފިނދަނަ" އާއި "ނަސީބުވެރި ކޮވެލި" އާއި "ކިބުރުވެރި ބުޅާ" އަދި "ކޮކާލުގެ ހުވަފެން" ތެރެއިންވެސް ހާއްސަ ފޮތެއް އެބަ އޮތެވެ. އެއީ "އެކުވެރި ތިން މިޔަރު" ވާހަކަ އެވެ.

އެއީ ޝަހުދީގެ ދެބެންނަށް އެންމެ ކަމުދިޔަ ވާހަކަ އެވެ. ކޮންމެ ރެއެއްގެ ވެސް އެންމެ އަޑު އަހާ ހިތުން އަހާ ވާހަކަ އެވެ. މި ވާހަކަައިގައި އުޅެނީ ނިިދާ މިޔަރަކާއި ވޮށިމަސް މިޔަރަކާއިި ކާލިގަނޑު މިޔަރެކެވެ. އެ ތިން އެކުވެރިންނަށް ދިމާވާ ކަމަކުން އެކަކު އަަނެކަކާ ވަކިވާން ޖެހެ އެވެ. -- މި ވާހަކައިން ތަންކޮޅެއް ހިމަނާލާނަމެވެ.

"... ރަހުމަތްްތެރީންނެވެ. ނުދާށެވެ. ދަލުގައި ޖެހިއްޖެ ނަމަ ސަލާމަތެއް ނުވާނެ އެެވެ. އަަހަރެންގެ ބަސް ގަބޫލު ކުރާށެވެ. ނިދާ މިޔަރު އާދޭސް ކުރި އެވެ. އެ އަޑު ނާހާ ދެ މިޔަރު ދުއްވައިގަތެވެ. ނިދާ މިޔަރު މަޑުން އޮތީ އެވެ. ދެ މިޔަރު ލޮލު ކޮޅަށް ގޮސް އޮބައިފި އެވެ. ނިދާ މިޔަރު ހަމަ އެތާ ދުވެލަ ދުވެލަ އޮތީ އެވެ. އިރުގަނޑެއް ވީ އިރުވެސް ރަަހުމަތްތެރިންގެ ހިލަމެއް ނުވި އެވެ..."

ޝަހުދީ ގެނެސްދިން ތިމާވެށީގެ މި ވާހަކަތަކުގަައި އާ ނަންތައް ހިމަނައި ބަހާ މެދު ޝައުގުވެރިކަން އުފެއްދުމަކީ އެއް ބޭނުމެވެ. ކޮންމެ ވާހަކައެއް ނިންމާ އެންމެ ފަހު ގަނޑުގައި އާއްމުކޮށް ކިޔައި ނޫޅޭ ބަސްތަކެއް ހުރި ކަމުގައިވާނަމަ، އެ ބަސްތަކާއި ބަހުގެ މާނަވެސް ހިމަނާފައި ހުރެ އެވެ. "ދަސްކޮށްލަމާ" ގަނޑުން އާ ބަސްތަކެއް ދަސްވުމަކީ ކުދިންގެ ބަސްކޮށާރު މުއްސަނދިވެ މައުލޫމާތުގެ ހަޒާނާ މުއްސަނދިވާ ކަމެއް ކަމުގައި ޝަހުދީ ވެސް ބުނެ އެވެ.


"އަޅުގަނޑުމެންގެ ޅަ ދަަރިންގެ ޅަ އުމުރުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަކީ ވަރަށް ބޭނުންތެރި ކަމެއް. މި ވާހަކަތަކުންވެސް އެކުދިންގެ މައުލޫމާތުގެ ހަޒާނާ އަށް ދުޅަހެޔޮކަން ލިބޭނެ ކަމަށް އުއްމިދު ކުރަން. އެ ކުދިންގެ ވެށީގެ ވަށައިގެންވާ ކަންކަމާއި ތަކެއްޗަށް ވިސްނުން ހިންގާލުމަށް މި ވާހަކައިން ބާރު ލިބޭނެ. އާ ނަންތައް ދަސްވެ ބަހާ މެދު ޝައުގުވެރިކަން އިތުރުވާނެ"

ކުޑަކުދިންނަށް ހާއްސަ ކުރި މި ފޮތްބަޔާއެކު އިތުރު ފޮތްތަކެއް އުފެއްދުމުގެ ހިޔާލުވެސް ޝަހުދީ ގެންގުޅެ އެވެ. ދެންވެސް ފެންނާނީ ކުޑަކުދިންގެ ފޮތް ހަރުގަނޑަށް އިތުރުވާ ފޮތްތަކެކެވެ.

މި ވާހަކަ ފޮތް ބައިގެ ޕަބްލިޝާއަކީ ވާހަކަ.ކޮމް އެވެ. މިއީ ވާހަކަ.ކޮމްއިން މިގޮތަށް ނެރެނު ދެވަނަ ވާހަކަ ބަޔެވެ.