ހަބަރު

މި ސަރުކާރުގެ 547 މަޝްރޫއު އެބަ ހިނގާ: ހައުސިން

Mar 1, 2020
6

މި ސަރުކާރުން ފަށާފައިވާ 500 އަށް ވުރެ ގިނަ މަޝްރޫއެއް ކުރިޔަށް ދާ ކަމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން ހިންގާފައިވާ ޕީއެސްއައިޕީ މަސައްކަތްތަކުގެ ތެރެއިން ޕްލޭނިން މަރުހަލާ އިން ފެށިގެން މުޅިން ނިމިފައި ހުރި މަޝްރޫއުތައް ހިމަނައިގެން ޖުމުލަ 547 މަޝްރޫއެއް ކުރިޔަށް ދާ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ޑިޒައިން ނިމި އަމަލީ މަސައްކަތް ފަށާފައި ވަނީ 152 މަޝްރޫއެއްގެ އެވެ. އަދި 49 މަޝްރޫއެއް ނިމިފައިވާ އިރު ހަ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ މިނިސްޓްރީން އެއްވެސް މަޝްރޫއެއްގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

މި ސަރުކާރުން ހިންގާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ހިސާބުތައް އާންމު ކުރިއިރު އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓޯ ހިމެނޭ ވަރަށް ގިނަ ޓުވީޓުތައް ކުރަން ވަނީ ފަށައިފަ އެވެ.