ހެލްތު މިނިސްޓްރީން ހިންގާ 20 ޕްރޮޖެކްޓެއްގެ ހިންގުން ލާމަރުކަޒީ ކުރުމަށް ކައުންސިލްތަކާ ހަވާލު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 20 ރަށެއްގެ ޕްރޮޖެކްޓު ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތަކުން ހިންގުމަށް ރައްޔިތުންގެ މަަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މި މަޝްރޫއުތަކަށް 48.1 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
- ހއ. މާރަންދޫ
- ހއ. ފިއްލަދޫ
- ހއ. ވަށަފަރު
- ހދ. ވައިކަރަދޫ
- ހދ. މަކުނުދޫ
- ހދ. ފިނޭ
- ނ. ކެނދިކުޅުދޫ
- އއ. ފެރިދޫ
- އދ. ދިގުރަށް
- އދ. ދަނގެތި
- މ. މުލައް
- ލ. މާމެންދޫ
- ގއ. މާމެންދޫ
- ގއ. ދެއްވަދޫ
- ހއ. ނިލަންދޫ
- ގދ. ފިޔޯރީ
- ގދ. މަޑަވެލި
- ސ. ހުޅުދޫ
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ޖަޒީރާ ރާއްޖޭގެ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމަށާއި ކައުންސިލްތަކަށް އެ ކައުންސިލްތަކުގެ ހަގީގީ ބާރުވެރިކަން އިތުރު ވާނެ ކަމަށެވެ.
"މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވި ކައުންސިލްތަކަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހަގީގީ ބާރުވެރިކަން ލިބޭ ދުވަހެއް. ސިއްހީ ދާއިރާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ހަވާލު ކުރި މަޝްރޫއުތައް އިއުލާނުކޮށް ޓެންޑަރިން ޕްރޮސެސް ކުރިއަށްގެންގޮސް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށްގެންދާނީ ސީދާ ކައުންސިލުން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ދުވަހުން ދުވަހަށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލި މަސައްކަތްތައް އިތުރަށް ފުރިހަމަވެ ރަށްރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ހަވާލު ކުރި ގިނަ މަސައްކަތަކީ، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އާއި އިމާރާތުގެ ފިނިޝިންގެ މަސައްކަތްތަކެވެ.