އިއްޔެ ފާސްކުރި ފުޓްބޯޅަ އެސޯސިއޭޝަނުގެ އާއަސާސީ ގަވާއިދުގެ ސަބަބުން މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ހިނިތުންވުން ލިބިގެންދާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް ވިދާޅުވީ އެފްއޭއެމް އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު 13 ކުލަބުން 44 ކުލަބަށް ލިބިގެންދިއުމަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ.
"މީގެ ސަބަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެގޭ ގދ. ތިނަދޫ ޒުވާނުންގެ ޖަމިއްޔާއެކޭ ހދ. ކުޅުދުއްފުށީގައި އޮންނަ ކުލަބަކޭ ތަފާތެއްނެތް. ކޮންމެ ބަޔަކަށް ވެސް އެމީހުންގެ އަޑުއިއްވަން ފުރުސަތު އެބަލިބޭ. މިއީ ހަގީގަތުގައި ހއ. އިން ފެށިގެން (އައްޑޫސިޓީގެ) ހިތަދޫ އަށް ހަމައަށް މުޅި ރާއްޖޭގެ އެންމެ މިއަދު އުފާކުރުން ހައްގު ބަދަލެއް،" ކުރިން ވެލެންސިއާ އާއި އައިއެފްސީ އަށް ކުޅުއްވި މަރުޒޫގް ވިދާޅުވި އެވެ.
އާއަސާސ ގަވާއިދުގައި ވަނީ އެފްއޭއެމުން އުފެއްދި އެސޯސިއޭޝަންތަކަށް ކަމަށްވާ ރެފްރީޒް، އަންހެން، އަދި ބީޗްސޮކާ އާއި ޕްލޭޔާސް އެސޯސިއޭޝަންތަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ދީފަ އެވެ.
"މީގެ ސަބަބުން ރެފްރީންނަށް ވެސް އެމީހުންގެ އަޑުއިއްވަން ފުރުސަތު ލިބޭނެ. އަންހެން ފުޓްބޯޅައިގެ މީހުންނާއި ކުޅުންތެރިންނަށް ވެސް އެބަބާރުތަކެއް ލިބޭ. އަޅުގަނޑު މިކަން ކުރި ނޯމަލައިޒޭޝަން ކޮމިޓީ އާއި ކުލަބުތަކަށް ޝުކުރު ދަންނަންވަން،" މަރުޒޫގް ވިދާޅުވި އެވެ.
މިހާތަނަށް މި ބަދަލުތައް ގެނެސްފައިނުވާތީވެ މަރުޒޫގް ވަނީ ކުރިން ދިމާވެފައިވާ ބައެއް ކަންކަން ވެސް ފާހަގަކުރައްވާފަ އެވެ.
"2008 ގައި ވެސް އަޅުގަނޑު ފީފާގެ މީހުންނާ ބައްދަލުކޮށްފައިބުނިން އެއިރު ވޯޓު މިލެވެނީ 13 ކުލަބަށޭ. މީގެ ސަބަބުން 4 ވަރަކަށް ކުލަބުގެ ސަޕޯޓް ހޯދައިގެން ރައީސް ކަމަށް އާދެވެއޭ. މީގެ ސަބަބުން އެވެރިއަކު އެބަވެއްޓެއޭ ކުލަބުތަކުގެ ޖީބަށް. މިއަށްވުރެ ބޮޑަށް ހުޅުވާލައިގެން ކުރަންވެއްޖެއޭ. އެކަމަކު އެއިރު ވަކި މީހަކަށް އަޅުގަނޑު ބުނާނީ ވަކިބަޔަކު (އެފްއޭއެމަށް) އަންނަންވެގެން އެބައެއްގެ ބައްޓަމަށް ކޯޓުފެހީ. ދެން މިހާތަނަށް މިއަޑުއިވެނީ ކޮރަޕްޝަނާ އެކަހަކަ ވާހަކަތަކެއް. އޭގެ ސަބަބުން އެފްއޭއެމް ޑެޑްލޮކަކަށް މި ދިޔައީ. އެހެންވީމަ އަޅުގަނޑު ބުނާނީ އަލަށް ފާސްކުރި ގަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގެ ފުޓްބޯޅަ އަށް ޑިޒާވްވާ ލެވެލް އަށް ފުޓްބޯޅަ ގެންދާނެއޭ،" މަރުޒޫގް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިލްހާމް އަހުމަދުގެ ދައުރު ނުނިމެނީސް އޭނާ މަގާމުން ވަކިކޮށް، އެފްއޭއެމުގެ ހިންގުން ފީފާއިން މިހާރު ހަވާލުކޮށްފައިވަނީ ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީއަކާއެވެ. މި ކޮމިޓީގެ ރައީސްކަން ކުރައްވަމުން އަންނަ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ އާއަސާސީ ގަވާއިދު ފާސްވުމާއެކު ލަސްނުކޮށް އިންތިހާބަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.