ލައިފްސްޓައިލް

ފްލައިޓަކަށް ކޮތަރެއް ވަދެގެން ފުރުން ލަސްވެއްޖެ

އިންޑިއާގެ އަހުމަދުއާބާދުން ޖައިޕޫރަށް ދަތުރުކުރަން އޮތް ގޯއެއާގެ ފްލައިޓެއްގެ ތެރެއަށް ކޮތަރެއް ވަދެގެން ވަރަށް އާދަޔާޚިލާފު ހާދިސާއެއް ހިނގައިފި އެވެ.

އެއާކްރާފްޓް ތެރޭގައި ކޮތަރެއް އުދުހޭ މަންޒަރާއި ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރެއިން ބައެއް މީހުން އެސޮރު ހިފަން މަސައްކަތްކުރާ ތަން ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކުރޫންނާއި ފަސިންޖަރުން ކޮތަރުން ސަލާމަތްވާން ތިރިވެގެން ތިބިއިރު ބައެއް މީހުން ކޮތަރު ހިފަން އަތް ހޫރާ ވެސް ހަދަމުން ދިޔަ އެވެ. ކޮތަރު އެމީހުންނަށް އަތުނުވާންވެގެން ބޯޓުގެ އެއްކޮޅުން އަނެއް ކޮޅަށް އުދުހި އުދުހިފައި އުޅުނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓަށް އަރައިގެން އުޅުނީ ދެ ކޮތަރެވެ. އަނެއް ބައި ރިޕޯޓުތައް ބުނަނީ އެއް ކޮތަރު ކަމަށެވެ.

ބޯޓުގައި ހުރި ފަސިންޖަރަކު ބުނި ގޮތުގައި އެންމެން ބޯޓަށް އަރާ ފޮށިތައް ލާ ތަނަށް ފޮށިތައް ލަމުން ދަނިކޮށް ކޮތަރު އުދުއްސައިގަތީ އޭގެން ބައެއްގެ ތެރެއިންނެވެ.

އެ ކޮތަރަށް ވެސް ބޯޑިން ޕާސް އެއް ހޯދައިދޭށޭ ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރެއިން މީހަކު ބުނާ އަޑުވެސް ވީޑީއޯ އިން އިވެ އެވެ. ވަރަށް ގިނައިރު ވަންދެން ބޯޓު ތެރޭގައި އުދުހި އުދުހިފައި އުޅުމަށްފަހު އެންމެފަހުން ކޮތަރަށް ބޯޓުގެ ކުޑަދޮރެއް ތެރެއިން ބޭރަށް ނުކުމެވޭގޮތް ވެގެން އުދުހިފައި ދިޔައީ އެވެ.

ފްލައިޓްތެރޭގައި ކޮތަރެއް އުޅުމުގެ ސަބަބުން ޕެސެންޖަރުންނަށް ކުރިމަތިވި އުނދަގުލަށް ގޯއެއާ އިން ވަނީ މައާފަށް އެދިފަ އެވެ. ނަމަވެސް ފްލައިޓް ލަސްވި ކަމަކަށް އެ އެއާލައިނުން އެއްބަހެއް ނުވެ އެވެ. ނަމަވެސް ފަސިންޖަރުން ބުނެފައިވަނީ ފްލައިޓް ޖެއްސީ ޝެޑިއުލްކޮށްފައިވާ ގަޑީއަށް ވުރެ 30 މިނިޓް ލަހުން ކަމަށެވެ.