ހަބަރު

އިލެކްޝަނަށް ރައީސް އިސްކަން ދެއްވަނީ އަކްރަމަށް

Mar 2, 2020

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އަނެއްކާވެސް އަހުމަދު އަކްރަމް އައްޔަން ކުރެއްވުމަށް ވަރަށް ބޮޑަށް ފެންނަ ކަމަށް ނިންމަވައި، ލިސްޓްގެ އެންމެ ކުރީގައި އޭނާގެ ނަން ހިމެނުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އިލެކްޝަން ކޮމިޝަނަށް މެންބަރަކު ހޯދަން ޖެހިފައިވަނީ މިހާރު ވެސް އެ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަކްރަމްގެ ދައުރު ހަމަވާތީ އެވެ. އޭނާ ވަނީ އާ ދައުރަކަށް އަނެއްކާވެސް ކުރިމަތިލައްވާފަ އެވެ.

އަކްރަމަކީ ވަރަށް ހަލަބޮލި އިންތިހާބުތަކެއްގެ ތަޖުރިބާ ހުންނެވި މެންބަރެކެވެ. އެގޮތުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުން ފެށިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ހަރަކާތްތެރި މެންބަރަކީ އަކްރަމެވެ. މީގެތެރެއިން އަކްރަމް ވަރަށް އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި ބޭއްވި އެންމެ ރަނގަޅު އިންތިހާބު ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

ބޮޑެތި ތުހުމަތުތަކާ އިންޒާރުތައް ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނަށް އަމާޒުވިއިރު އަކްރަމް ހުންނެވީ ކޮމިޝަންގެ ތަރުޖަމާނުގެ ވެސް މަގާމުގަ އެވެ. ހުރިހާ އިންތިހާބެއްގެ މައުލޫމާތުތައް ވެސް މީޑިއާއަށް ތިލަ ކުރެއްވުމުގައި އިސްކޮށް ހުންނެވީ އަކްރަމެވެ.

އަކްރަމް، ދެވަނަ ދައުރަކަށް އިލެކްޝަން ކޮމިޝަނަށް ކުރިމަތިލެއްވިއިރު ރައީސް ސޯލިހު މިއަދު އިސްކަން ދެއްވާ ތަރުތީބުން ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އަކްރަމްގެ ނަން ހިމެނުއްވި އެވެ. ދަވަނައިގައި ވަނީ ކޮމިޝަންގެ ނަިއބު ރައީސްކަން މީގެކުރިން ކުރެއްވި އަހުމަދު ފަޔާޒު ހަސަންގެ ނަމެވެ.

ފަޔާޒަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮމިޝަންގެ ނައިބުކަން ކުރެއްވި ބޭފުޅާ އެވެ. އޭރު އޭނާއަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އޭނާ މީގެކުރިން ވަނީ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އޭނާގެ ނަމެއް މަޖިލީހުން ފާހެއް ނުކުރި އެވެ.

ދެން އިލެކްޝަން ކޮމިޝަނަށް ކުރިމަތިލައްވާފައިވަނީ މަރިޔަމް ހަނީފާ ހާލިދާއި އަހްމަދު މަންސޫރު އެވެ. މި ނަންތައް ދިރާސާ ކުރެއްވުމަށް މިއަދު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފަ އެވެ.