ދުނިޔެ

ސުލްހަ ގާއިމް ވަމުން ދާ ކަމަށް ރައީސް ވިދާޅުވަނިކޮށް އަފްގާނުގައި 13 މަރު

Sep 6, 2015

ކާބުލް (އޭޕީ) : އަފްގާނިސްތާނުގައި ބަޑިން ހަމަލާދީ އާންމުންގެ ތޭރަ މީހުން އިއްޔެ މާރާލައިފިއެވެ. މި ހަމަލާ ދީފައިވަނީ އެގައުމުގެ ރައީސް އަޝްރަފް ގަނީ ބައިނަލްއަގްވާމީ އެހީދޭ ފަރާތްތަކާ ބައްދަލުކޮށް، އަމަން ބެލެހެއްޓުމުގައި ކުރިއެރުން ލިބެމުންދާކަމަށް ވިދާޅުވަމުންދަނިކޮށެވެ.

އަފްގާނިސްތާނުގެ އުތުރުގައި އޮންނަ، އާންމުގޮތެއްގައި ވަރަށް ސުލްހަވެރި ބަލްކް ޕްރޮވިންސްގައި ދިން މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. ބަޑި ހިފައިގެނތިބި ބަޔަކު އާންމުން ދަތުރުކުރި އުޅަނދެއް ހުއްޓުވައި އޭގައިތިބި މީހުން ގަޔަށް ބަޑިޖަހާ މަރާލީއެވެ.

މި ހަމަލާ ދިން އިރު ވެރިރަށް ކާބުލްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އެހީދޭ ފަރާތްތަކާ މުހާތަބުކޮށް ރައީސް ވިދާޅުވީ އެކި ރޮނގުތަކުން އަފްގާނިސްތާން ކުރިއެރުންތައް ހޯދައިފި ކަމަށާއި އޭގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި، ވަޒީފާ އުފެއދުމާއި، އަންހެނުން ބާރުވެރި ކުރުވުމާއި ސުލްހަމަސަލަސްކަން ގާއިމުކުރުން ހިމެނޭ ކަމަށެވެ.

ވޭތުވެދިޔަ ސާޅީހެއްހާ އަހަރު ހަނގުރާމައިގެ ތެރޭގައި އޮތް އަފްގާނިސްތާން އަލުން އާރާސްތު ކުރުމުގައި ބައިނަލްއަގްވާމީ އެހީއާއި އެއްބާރުލުން ވަރަށް ބޮޑަށް އެގައުމަށް ބެނުންވެއެވެ. އިއްޔެ އޮތް މި ބައްދަލުވުމުގެ ކުރިން އެގައުމުންވަނީ ދެދުވަހުގެ އިގްތިސޯދީ ކޮންފަރެންސެއް ވެސް ނިންމާލާފައެވެ. މި ދެ ބައްދަލުވުމުގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރަށް ވަރުގަދަ ކޮއްފައެވެ.

ރައީސް އަޝްރަފް ގަނީ ވެރިކަމަށް ވަޑައިގެންނެވީ އަފްގާނިސްތާނު އާރާސްތު ކުރުމަށް ގިނަ ވައުދުތަކެއް ވެ ވަޑައިގަނެފައެވެ. ސަރުކާރުން ތޯލިބާނުންނާއެކު ކުރިއަށް ގެނދިޔަ ސުލަހައިގެ ވާހަކަތައް މެދުކަނޑާލީ ތޯލިބާނުންގެ ވެރިޔާ މުއްލާ އުމަރު ދެއަހަރަށް ވުރެ ގިނަ ދުވަސް ކުރިން މަރުވެފައިވާ ކަމަށް އެ ޖަމާއަތުން އިއުލާން ކުރުމާ ގުޅިގެންނެވެ.