ހަބަރު

އަގު ކުޑަކުރަން މަޝްވަރާ ކުރެވޭ، ގޮންޖެހުންތައް އެބަހުރި: އުރީދޫ

އިންޓަނެޓް އަގު ކުޑަ ކުރުމަށް ރަނގަޅު ހުށަހެޅުން ތަކެއް ސަރުކާރަށް ހުށަހަޅައިގެން އަގު ކުޑަކޮށް ކުންފުންޏަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫ އިން މިހެން ބުނެފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިްއސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ސަރުކާރުން ވައުދުވި ގޮތާ އެއްގޮތަށް އިންޓަނެޓްގެ އަގު ކުޑަ ކުރުމަށް އެ ކުންފުންޏައެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

ނަޖީބް ވިދާޅުވީ އިންޓަނެޓްގެ އަގު ކުޑަ ކުރުމުން އެކުންފުނިން ސަރުކާރަށް ދައްކާ ޓެކްސް އާއި ލައިސަންސް ފީ އާއި ޑިވިޑެންޑަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންނާއި ކުންފުންޏަށް ލިބޭ ސާފް ފައިދާ އަށް ވެސް އަސަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރާ ގުޅިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރާކަން އުރީދޫ އިން ހާމަކޮށްފައިވީ ނަމަވެސް އަގަށް އަންނަނީ ކިހާވަރެއްގެ ބަދަލެއްކަން މި ވަގުތު ހާމަ ކުރަން ދަތި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.