ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާވައިރަސް: ވާލްޑް ބޭންކުން 12 ބިލިއަން ޑޮލަރުގެ އެހީ

Mar 4, 2020

ޗައިނާއިން އުފަންވެގެން ބާރު ދުވެލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަހާ ދެކޮޅަށް ހާއްސަކޮށް ކުރިއަރަމުން އަންނަ ގައުމުތަކުން ކުރާ މަސައްކަތަށް 12 ބިލިއަން ޑޮލަރުގެ އެހީ އެއް ވާލްޑް ބޭންކުން ކަނޑައަޅައިފި އެވެ.

ވާލްޑް ބޭންކުން ކަނޑައެޅި އެމަޖެންސީ ޕެކެޖުގެ ދަށުން ލުއި ލޯނުތަކާއި، މާލީ އަދި ފަންނީ އެހީތެރިކަން ހިމެނެ އެވެ.

ވާލްޑް ބޭންކުން އެމަޖެންސީ މާލީ ޕެކޭޖެއް ކަނޑައަޅާފައިމިވަނީ "ކޮވިޑް-19"ގެ ނަން ދީފައިވާ ވައިރަހުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއެކު، ގިނަ ގައުމުތަކަށް މާލީ ގޮތުން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގަ އެވެ.

އެ ބޭންކުން ބުނެފައިވަނީ އެމަޖެންސީ ޕެކެޖް ހާއްސަކުރާނީ އެންމެ ފަގީރު އަދި ވައިރަސް ފެތުރުމުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކަށް ކަމަށެވެ.

ވައިރަސް ޖެހުނު މީހުންގެ އަދަދު 92،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ޗައިނާއާ އަޅާ ބަލާއިރު، އެ ވައިރަސް އެހެން ގައުމުތަކުގައި މިންވަރު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން، ޗައިނާ އިން ބޭރުން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ދެކުނު ކޮރެއާ އިންނެވެ. އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.