ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވައިރަހާ ދެކޮޅަށް އައިއެމްއެފުންވެސް 50 ބިލިއަން ޑޮލަރު

Mar 5, 2020

ޗައިނާއިން ފެތުރެން ފެށި އާ ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް 50 ބިލިއަން ޑޮލަރުގެ އެހީއެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަނޑައަޅައިފި އެވެ.

ބައިނަލްއަގުވާމީ މާލީ ޖަމިއްޔާ އިން ބުނީ، "ކޮވިޑް-19"ގެ ނަން ދީފައިވާ އެ ވައިރަހުގެ ސަބަބުން މިދިޔަ އަހަރާ އަޅާބަލާއިރު، ދުނިޔޭގެ އިގުތިސޯދު މިއަހަރު ކުރިއަރާނެކަމަށް ކުރިން ލަފާކުރި މިންވަރަށް ވުރެ މިހާރުވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އައިއެމްއެފްގެ އެހީ އިއުލާނުކޮށްފައިވަނީ ޗައިނާ އިން ބޭރުވެގެން އެ ވައިރަސް މިހާރު 70 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވަނިކޮށެވެ.

އެ ޖަމިއްޔާ އިން ބުނީ ގޮތުގައި 50 ބިލިއަން ޑޮލަރުގެ އެހީ ހާއްސަކޮށްފައިވަނީ އެންމެ ފަގީރު އަދި މެދު އާމްދަނީގެ ގައުމުތަކަށް ކަމަށެވެ. އެގޮތުން، އެ ވައިރަސް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމުވެފައިވާނެތް ގައުމުތަކަށް އިސްކަންދޭނެކަމަށްވެސް އައިއެމްއެފުން އިތުރަށް ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަހާ ދެކޮޅަށް ހާއްސަކޮށް ކުރިއަރަމުން އަންނަ ގައުމުތަކުން ކުރާ މަސައްކަތަށް 12 ބިލިއަން ޑޮލަރުގެ އެހީ އެއް ވާލްޑް ބޭންކުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ވައިރަސް ޖެހުނު މީހުންގެ އަދަދު 93،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ޗައިނާއާ އަޅާ ބަލާއިރު، އެ ވައިރަސް އެހެން ގައުމުތަކުގައި މިންވަރު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން، ޗައިނާ އިން ބޭރުން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ދެކުނު ކޮރެއާ އިންނެވެ. އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.