ދުނިޔެ

އެމެރިކާއަށް ބަރޯސާވުން ހުއްޓާލަން ވެއްޖެ: އާޖެންޓިނާ

އާޖެންޓިނާއަށް ކުރިމަތިވެފައި އޮތް ހާލަތާ މެދު ހިތާމަކުރައްވާ ކަމަށް އެގައުމުގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ވިދާޅުވެއްޖެ އެވެ.

އަލްބާޓޯ ފެނާންޑޭޒް ވިދާޅުވި ގޮތުގައި ބޭރުގެ ދަރަންޏާ ހެދި އާޖެންޓާ އޮތީ ހިރިނުލެވިފަ އެވެ. އަދި އެހާލަތު މެދުވެރިވީ އެމެރިކާއަށް ބަރޯސާކުރަން ހަދައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އާޖެންޓިނާގެ ރައީސް މިވަގުތު އުޅުއްވަނީ ރަޝިއާ އަށާއި ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.

ރަޝިއާއަށް ވަޑައިގެން ރައީސް ލަޑިމިއަރު ޕޫޓިންއާ ބައްދަލު ކުރެއްވުމުގެ ކުރިން ފެނާންޑޭޒް ނޫސްވެރިންނަށް ވިދާޅުވި ގޮތުން އާޖެންޓިނާ އަށް މިހާރު އޮތް ގޮތަކީ ރަޝިއާއާ އެކު އިގުތިސޯދީ ގޮތުން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުން ކަމަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ދުނިޔޭގެ މާލީ އިދާރާތަކަށް ދަރަން ޖެހުނީ ވެސް އެމެރިކާއާ އެކު ގެންގުޅެވުނު ސިޔާސަތުތަކުގެ ސަބަބުން ކަމަށް އަލްބާޓޯ ފެނާންޑޭޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ތަންދޮރު އޮޅުންފިލިއިރު އާޖެންޓިނާ އޮތީ ކަރުތާފެނުގައި ކަމަށެވެ.

އާޖެންޓިނާ އާއި ރަޝިއާ ގާތް ގުޅުމަކުން ބަދަހިވުމަކީ ރަޝިއާއަށް ވެސް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށް ފެނާންޑޭޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލެޓިން އެމެރިކާގެ އެހެން ދައުލަތްތަކުން ރަޝިއާއަށް ފުރުސަތު ހޯދައި ދެއްވުމުގައި އާޖެންޓިނާ މެދުވެރިވާނެ ކަމަށެވެ.

ފެނާންޑޭޒް ވިދާޅުވި ގޮތުން ރަޝިއާ އާއި އާޖެންޓިނާގެ ގުޅުން ވަރުގަދަކުރުމުން ރަޝިއާއަށް އޮތް ފުރުސަތު ފުޅާވެގެން ދާނެ އެވެ. އެއީ ލެޓިން އެމެރިކާ ގައުމުތަކުގައި އިންވެސްޓްކުރަން ރަޝިއާއަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ލެޓިން އެމެރިކާގައި ރަޝިއާގެ ގޭޓްވޭ- ފޮރޯއްޓަކީ އާޖެންޓިނާ ކަމަށް ވެސް އަލްބާޓޯ ފެނާންޑޭޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ދޮރޯށިން ރަޝިއާ ވަދެ ބާރަށް ދުއްވައި ގަންނަންވީ ކަމަށެވެ.

އަލްބާޓޯ ފެނާންޑޭޒް ރަޝިއާއަށް ވަޑައިގެން އުޅުއްވާއިރު، ރަޝިއާ ވަށައިގެން އޮތް މަޝްރަހު އޮތީ ހަނގުރާމައެއްގެ ތެރޭގައި އެވެ. ރަޝިއާ އާއި ޔުކްރޭންގެ ގުޅުން ބަލިކަށިވެ ބަހުގެ ހަމަލާތަކަށް ފަހު އޮތީ ހަތިޔާރު އުފުލާ ހިސާބުގަ އެވެ.

އެހެން ނަމަވެސް، ފެނާންޑޭޒް ވިދާޅުވީ ރަޝިއާ-ޔުކްރޭން މައްސަލައިގެ ތެރެއަށް ވަދެވަޑައި ނުގަންނަވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ އިސްވެ ޔުކްރޭނަށް ހަމަލާ ނުދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެެވެ.