ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ބައި ބިލިއަން މީހުން ފަގީރުކަމަށް ވެއްޓިދާނެކަމުގެ ބިރު

Apr 9, 2020

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން، ދުނިޔޭގެ ފަގީރުންގެ ނިސްބަތް ބައި ބިލިއަނުން އިތުރުވެދާނެކަމަށް އދ. އިން ލަފާކޮށްފި އެވެ.

އދ. އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، އެ ބައްޔާ ގުޅިގެން އެކި ގައުމުތަކަށް ކުރިމަތިވަމުންދާ މާލީ ދަތިކަމާއެކު، ބައި ބިލިއަނަށް ވުރެ ގިނަ މީހުންނަށް ފަގީރުކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފަގީރުންގެ ނިސްބަތް، ފާއިތުވި 30 އަހަރު އިތުރުނުވާ މިންވަރަށް، ކޮވިޑް-19 އާއެކު އިތުރުވެގެންދާނެކަމަށް އދ.އިން ކުރި ދިރާސާގައި ބުނެފައިވެ އެވެ.

އދ.އިން އެ ފަދަ ބަނަ ތަސައްވަރެއް އާއްމުކޮށްފައިވަނީ، ދުނިޔޭގެ އިގުތިސޯދު ވެއްޓިފައިވާ ވަޅުގަނޑުން ނަގައި، ކޮޅަށްޖެހުމަށް ވާލްޑް ބޭންކް އާއި އައިއެމްއެފް ފަދަ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް އަންނަ ހަފްތާގައި ބައްދަލުވުންތަކެއް ތާވަލުކޮށްފައިވަނިކޮށެވެ.

ލަންޑަނުގެ ކިންގްސް ކޮލެޖާއި އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީ ގުޅިގެން ކުރި ދިރާސާގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވަމުންދާ އިގުތިސޯދީ ކާރިސާ، ސިއްހީ ކާރިސާއަށް ވުރެ މާ ނުރައްކާ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު އާ ކޮރޯނާ ވައިރަސް، މިހާރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 90،000 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ ގައުމުތަކަކުން ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުން އަންނަ އަހަރަށް ފަސްކޮށްދިނުމަށް، 100 އަށް ވުރެ ގިނަ ބައިނައަލްގުވާމީ ޖަމާއަތްތަކުން ވަނީ ގޮވައިލައިފަ އެވެ. އެކަމުގެ ސަބަބުން، އެ ގައުމުތަކުން 25 ބިލިއަން އެމެރިކާ ޑޮލަރު ސަލާމަތްކުރެވި، އިގުތިސޯދު ކޮޅަށްޖެހުމަށް ބޭނުންކުރެވޭނެކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.