ހަބަރު

މެންބަރު މޮަސްޓާގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްލައިފި

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ނަން ރިޔާސަތުން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުވާން އަންގައިފި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މިޔަރު ހިފުން ހުއްދަ ކުރާ ގަރާރަށް ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވީ މިއަދުގެ ޖަލްސާގެ ކުރީކޮޅު ބަހުސް ކުރެއްވި ކޮރޯނާ ވައިރަސްއާ ގުޅޭ ކުއްލި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކައާ ގުޅޭ ގޮތުންނެވެ.

އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ބަހުސް ކުރަމުޖންދާ ގަރާރުގެ މައުޟޫއާއި ނުގުޅޭ ވާހަކައެއް މެންބަރު ސައީދު ދައްކަވަމުންދާ ކަމަށެވެ. އޭގެ ފަހުން ވެސް ސައީދު ކޮރޯނާ ވައިރަސްގެ ވާހަކަ ދެއްކެވުމުން ދެވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނަންގަވައި ވައްޑެ އެކަން ފާހަގަ ކުރެއްވި އެވެ.

ވައްޑެ ނެންގެވި ނިޒާމީ ނުކުތާތަކާ ގުޅިގެން މެންބަރު މޮސްޓާ ވެސް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. މޮސްޓާގެ ނިޒާމީ ނުކުތާގައި ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން ދައްކާ ވާހަކަތަކަށް "ހަޖަމް ނުވެގެން" އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން އެ މެންބަރުންގެ ވާހަކަތައް ހުއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މެންބަރު މޮސްޓާގެ ނިޒާމީ ނުކުތާ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބަލައެއް ނުގެންނެވި އެވެ. އަދި މާވަށު ދާއިރާގެ މެންބަރު ސައީދުގެ ވާހަކަ ކުރިއަށް ގެންދަވަން ފުރުސަތު ދެއްވި އެވެ.

ސައީދުގެ ވާހަކަ ކުރިއަށް ގެންދަވަނިކޮށް އެ ވަގުތު މޮސްޓާ ގެންދެވީ ދެވަނަ ފަހަރަށް ނިޒާމީ ނުކުތާއެއްގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. ރިޔާސަތުން އެ ފުރުސަތު ނުދެއްވުމުން މޮސްޓާ ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. މޮސްޓާ އަޑުގަދަ ކުރަމުން ދިއުމާ ގުޅިގެން ސައީދަށް ވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް އޭރު ނުވި އެވެ.

ދެން މަޖިލީހުގެ ނައިބު ރައީސް ވަނީ މަޖިލީހުގެ ގަވާއިދަަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މޮސްޓާއަށް އަންގަވައިފަ އެވެ. ދެން ވެސް އޭނާ އަޑުގަދަ ކުރައްވަމުން ގެންދެވުމުން ރިޔާސަތުން އޭނާގެ ނަން އިއްވި އެވެ. ދެން މެންބަރު މޮސްޓާ ވަނީ ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބަލައި މެންބަރެއްގެ ނަން ރިޔާސަތުން އިއްވުމުން، ދެން އެ މެންބަރަކު ޖެހިވަޑައިގަންނަވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިގަންނަވާ ކަމަށެވެ.