ހަބަރު

"މިނިމަމް ވޭޖް ކަނޑައަޅަން މިއީ ރަނގަޅު ވަގުތެއް ނޫން"

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރާނެތީ، މިއީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މިނިމަމް ވޭޖް ބޯޑުގެ ރައީސާ، މަރިޔަމް ހާލިދާ ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުން މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހާލިދާ ވިދާޅުވީ އެ ބޯޑުގެ ޑިޒިޝަންތައް ނަގާގައި ވަނީ ކޮރޯނާ ވައިރަހުގެ ކުރިން ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށްވެސް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން، ވައިރަހުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރަން އެދޭ ކަމަށެވެ.

"މިހާރު ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ވެސް އިގްތިސޯދަށް އަސަރު ކުރާނެ. މި ގައުމަށް މާ ބޮޑަށް އަސަރު ކުރާނެ. އަޅުގަނޑު އެދެން ސަރުކާރުންވެސް، ރައްޔިތުންގެ މަޖިލީހުންވެސް މިނިމަމް ވޭޖެއް އިމްޕްލިމެންޓް ކުރާ އިރު މި ހުރި ކަންތައްތަކަށް ރިއާޔަތް ކުރެއްވުން، އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން މިނިމަމް ވޭޖެއް ކަނޑައަޅާކަށް" ހާލިދާ ވިދާޅުވި އެވެ.

ހާދިލާ އިތުރަށް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު ލިބޭ އަދަދެއް ކަނޑައެޅުމަށް ކަމަށެވެ. އެގޮތުން، މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތުގައި، ކުރި ދިރާސާތަކުން ވަޒީފާ އަދާ ކުރާ މީހުންނަށް 8،600 އަކީ ދެވޭނެ އަދަދެއް ނޫން ކަމަށް ޔަގީންވި ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް 8،600 ރުފިޔާ އަކީ ރަނގަޅު އަދަދެއް ނޫން ކަމަށް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ބެލީ ވީހާވެސް ބެލެންސްޑް އެޕްރޯޗެއް ގެނެވޭތޯ. އެގޮތުން، ނެގީ 4،100 އާއި 8،600 އާ ދެމެދުގެ އަދަދެއް. އެއީ 6،400"

މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން ބޯޑުން ހުށައަޅާފައި ވަނީ 6،400 ރުފިޔާ އެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައެޅެން ބޭނުންވާ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދާއިރު، އެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބޯޑުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދަނީ ދިރާާސާ ކުރަމުންނެވެ. އެ ކޮމިޓީން ނިންމާފައި ވަނީ މި މަހުގެ 11 ގެ ކުރިން އެ ކަމުގައި ގޮތެއް ނިންމުމަށެވެ.