ކުރިއަށް އޮތް ސްކޫލް ބަންދުގައި އެކި ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވާން ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު ކުރިއަށް އޮތް ސްކޫލް ބަންދުގައި ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫން ނަމަ ލަސް ކުރުމަށް ނުވަތަ ނުދިއުމަށެވެ.
އަދި ދަތުރު ކުރުމުގެ ކުރިންނާއި ދަތުރު މަތީގަ އާއި އެނބުރި އައުމަށްފަހު އަމަލު ކުރަންޖެހޭ ކަންކަން ފާހަގަކޮށްދީފައި ވެއެވެ.
ދަތުރު ކުރުމުގެ ކުރިން
- ދަތުރު ކުރާ ގައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުން
- ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުން
- ދުވަސްވީ މީހުނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތަކުގެ މީހުން ކޮންމެހެން ކުރަންޖެހިގެން ނޫނީ މި ދުވަސްވަރު ދަތުރު ނުކުރުން
- ދަތުރު ކުރާ ގައުުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި އިރުޝާދުތަކަށް އަހުލުވެރިވުން
ދަތުރުމަތީގައި
- ހުމާއި ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާ ގާތްވެ ނޫޅުން
- ގިނައިން ސައިބޯނި ލައިގެން އަތޮދޮވުމާއި ސެނިޓައިޒާ ބޭނުން ކުރުން
- މޫނާއި ލޮލާއި އަނގަ އަދި ނޭފަތުގައި އަތްނުލުން
- ކާބޯތަކެތީގެ ތެރެއިން، ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުން
- ޖަނަވާރު ގެންގުޅޭ ތަންތަން އަދި، އެއްގަމު މަސް ވިއްކާ ބާޒާރުތަކަށް ނުދިއުން
- ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ މަރުކަޒުތަކަށް ނުދިއުން
ދަތުރުން އެނބުރި އައުމަށްފަހު
މީގެ އިތުރުން، ރާއްޖެތެރޭގައި ކުރާ ދަތުރު ތަކުގައިވެސް ބައެއް ކަންކަމަށް ސަމާލު ވުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފަ އެވެ. އެގޮތުން، ރޯގާޖެހި ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާ ކުރުމާއި ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ހިމެނެ އެވެ.
ހެލްތު މިނިސްޓްރީން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަަވާ އެހެން ދަތުރުތައް ލަސް ކުރުމަށް ނުވަތަ ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.
ވައިރަސް ޖެހުނު މީހުންގެ އަދަދު 93،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ޗައިނާއާ އަޅާ ބަލާއިރު، އެ ވައިރަސް އެހެން ގައުމުތަކުގައި މިންވަރު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ.
އެގޮތުން، އެ ވައިރަސް މިހާރު ވަނީ 70 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ.