ދުނިޔެ

ސައުދީ ރަސްގެފާނު އެމެރިކާއަށް އަގުބޮޑު ދަތުރުފުޅެއް

Sep 7, 2015

ސީރިޔާގެ ރެފިއުޖީ ކާރިސާތަކުން އަރަބި ދުނިޔޭގެ ލީޑަރުން އިސްލާމީ އުންމަތާއި އަވައްޓެރި އެހެނިހެން އަރަބިންނާމެދު ދެކޭގޮތް ވަރަށް ރަނގަޅަށް އެބަ ފެނެއެވެ. ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ޔޫރަޕާދިމާލަށް މިސްރާބު ޖަހާފައި ވަނީ ކަމެއް ވެގެންނެވެ. ތުރުކީއަށް ލެއްގި އަލާން ކުރުދީގެ ފޮޓޯ މުޅިދުނިޔެ ރޮއްވާލިއިރު، ޔޫރަޕުން ކުރިއަށްވުރެ ފަސޭހަ ގޮތްތަކެއް ރެފިއުޖީންނަށް ހަދައިދިނެވެ. އެކަމަކު އަރަބި ލީޑަރުންނަށް މާބޮޑު ކަމެއް ވެގެން އުޅޭހެންނެއް ހިއެއް ނުވެއެވެ. 

އަރަބި ލީޑަރުންގެ މުއްސަނދިކަން ދައްކަމުން މިހާރުވެސް އުޅެމުންދާ އިސްރާފު ބޮޑު ދިރިއުޅުމުގެ ވާހަކަ ދައްކަން މިއުޅެނީ ހާލަތާ ނުބައްދަލު ކަމުންނެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހޮނިހިރު ދުވަހު އެ ނިންމަވާލެއްވި އެމެރިކާ ދަތުރުގައި ހުންނެވީ ފޯ ސީޒަންގެ ހޮޓަލެއް އެއްކޮށް ނަންގަވައިގެންނެވެ. މިއީ 222 ކޮޓަރީގެ ބޮޑު ހޮޓަލެކެވެ. ރަސްގެފާނުގެ ޒިޔާރަތާ ދިމާވި އެ ހޮޓަލުގެ ހުރިހާ ގެސްޓުން ވަނީ އެ ފެންވަރުގެ އެހެން ހޮޓާތަކަށް ބަދަލުކޮއްފައެވެ.

އެވަރުން ނިމުނީކީ ނޫނެވެ. ރަސްގެފާނު ވަޑައިގެންނެވުމުގެ ކުރިން މުޅި ހޮޓާ ވަނީ އެމަނިކުފާނު ހިތްޕުޅާ ހަމަވާގޮތަށް ޖަރީ ކުރުވާފައެވެ. ރަތްދޫލަ އަޅައި، ރަން ލޯގަނޑާއި، ރަން މޭޒުތަކާއި، ރަން ބައްތިތަކުން މުޅި ހޮޓާ ޖަރީ ކުރުވާފައެވެ. ރަސްގެފާނުގެ އަގުބޮޑު ދަތުރު އެމެރިކާ މީހުންނަށް ވެސް ވީ ތަންކޮޅެއް ބޮޑުވަރު ކަމަކަށެވެ. ރަސްގެފާނުގެ ދަތުރުގައި އޮބާމާއާ ކުރެއްވި ބައްދަލުވުމަށްވުރެ، ދަތުރުގެ ހަރަދުތައް ހުރިގޮތަށް ލިބުނު ސަމާލުކަން ބޮޑެވެ. މި ދަނޑިވަޅުގައި މެދު އިރުމަތީގެ ހާލަތު އޮތްގޮތުން ވެސް މެއެވެ.

ރަސްގެފާނު އަގުބޮޑު ދަތުރެއް އެމެރިކާއަށް ކުރައްވާފައި މިވަނީ ތެލުގެ އަގު ދައްވުމުން ސައުދީން ހަރަދު ކުޑަ ކުރުމުގެ ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެގައުމުގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ އެގައުމުން ގެންދަނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ގައުމީ މަޝްރޫއުތައް މިވަގުތަށް މަޑު ޖައްސަމުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ތެޔޮ ފީފާ އެއްގެ އަގުވަނީ ދެބައިކުޅަ އެއްބައި ދަށަށް ގޮއްސައެވެ. "އަހަރެމެން މިދަނީ ރިޒާވް ބަހައްޓައި، ދަރަނި ކުޑަކޮށް ކޮންމެހެން މުހިންމު ނޫން ހަރަދުތައް ހުއްޓުމަކަށް ގެންނަމުން. މިހާރު ހަރަދު މި ކުރަނީ މީހުން ބިނާ ކުރުމަށާ، ތަރައްގީގެ މައި މަޝްރޫއުތަކަށް." ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ފާހަގަ ކުރާގޮތުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަތަރު، ޔޫއޭއީ، ކުވޭތު، އޮމާން، ބަހުރޭން އަދި ސައުދީ އަރަބިއްޔާ އަކީ ރެފިއުޖީންނަށް ފުރަގަސްދީ ގައުމު ބަންދުކޮށް ތަޅުލައިގެން ތިބި ގައުމުތަކެވެ. ފައިސާގެ ގޮތުން ބެލިޔަސް، ބިމުގެ ގޮތުން ބެލިޔަސް މި ގައުމު ތަކަށް އަވައްޓެރި އަރަބިންނަށް ކޮއްދެވޭނެ ކިތަންމެ ކަމެއް ހުންނާނެއެވެ.