މި ޓީމުގައި ހިމެނޭ އޮސްޓްރިއާގެ އެކްޓިވިސްޓް އެންޖެލިކާ ނެއުވާތު ބުނީ އެމީހުން މަސައްކަތް ކުރަނީ ހަނގޭރީގައި ތިބި ރެފިއުޖީން ހުޅަނގު ޔޫރަޕަށް ފޯރު ކޮއްދިނުމަށް ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި މިއީ އަހަރެން ކުރަން ޖެހޭ ކަމެއް. އަހަރެންނަކީ މަންމައެއް. އަހަރެންނަކީ އޮސްޓްރިއާ އަންހެނެއް. އަހަރެންނަށް [ދެރަވެގެން ގޮސް] ލޮލުފިޔައެއް ނުޖެހޭ. އަހަރެމެން އެންމެންނަކީ ވެސް އިންސާނުން."
ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ގައުމުތަކުގެ ބައެއް ގާނޫނުތައް ހުރަސް އަޅައެވެ. ހަންގޭރީ ފުލުހުން ބުނީ ބޯޑަރު ހުރަސްކޮށް މީހުން އުފުލާ ފަރާތްތަކުން އެކުރަނީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. މިދިޔަ ހަފްތާގައި މިގޮތަށް ބޯޑަރު ހުރަސް ކުރަން އެހީވެދިން އޮސްޓަރިއާގެ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ދައުވާއެއް ނުކޮށް ފަހުން ދޫކޮއްލީއެވެ.
އިއްޔެ އެކަނިވެސް ދިހަ ހާހަށްވުރެ ގިނަ ރެފިއުޖީން ޖަރުމަނަށް އެތެރެވި އެވެ. މިއަހަރު އެގައުމަށް އަށް ލައްކަ ރެފިއުޖީން އެތެރެވާނެ ކަމަށް އެގައުމުން ލަފާކުރެއެވެ.
އެހެން ގައުމުތަކަށް ބާލާއިރު އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުން ދަނީ އެގައުމުގެ ސަރުކާރުން ވެސް ރެފިއުޖީންނަށް އިތުރަށް އެހީވުމަށް ގޮވާލަމުންނެވެ. ނިއުޔޯކްގައި މަސައްކަތްކުރާ ރެސްކިޔު ކޮމެޓީއަކުން ވަނީ 65،000 ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް އެމެރިކާ ސަރުކާރަށް ގޮވާލާފައެވެ.
މުޅި ޔޫރަޕް ބައިވެރިވެ ރެފިއުޖީންގެ މައްސަލައަށް ސަރަހައްދީ ހައްލެއް ސިޔާސީގޮތުން ހޯދިދާނެ ކަމަކަށް ނުބެލެވެއެވެ. އަމިއްލަ ފަރާތްތަކުން މި މައްސަލައިގެ ތެރެއަށް ވަދެ އެހީތަށް އިތުރުކޮއްފައިވަނީ މި ސަބަބާހުރެއެވެ.