ރާއްޖެ ކުޅިވަރު

ތިނަދޫން ޖޫރިމަނާ 25000ރ. ދައްކައިފި

Sep 7, 2015

އެފްއޭއެމުން ގދ. ތިނަދޫ ފުޓްބޯޅަ ޓީމު 25000ރ. ޖޫރިމަނާކޮށް އެ ފައިސާ ނުދައްކަނީސް މެޗެއް ނުކުޅެވޭނެކަން އެންގުމުން ތިނަދޫން ޖޫރިމަނާ ފައިސާ ދައްކައިފި އެވެ.

ތިނަދޫ ޖޫރިމަނާކުރީ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގދ. ހޯނޑެއްދުއާއެކު އެރަށުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ހޯނޑެއްދޫގެ އާދަމް ލަރީފް (ރޮނާލްޑޯ) ކުރި ފައުލަކާ ގުޅިގެން ސަޕޯޓަރުންނާއި ބެންޗުން ހަމަނުޖެހުން ހިންގުމުންނެވެ. މި މެޗު ހުއްޓާލަން ޖެހުނީ މެޗު ނިމެން 30 ސިކުންތަށް ވެފައިވަނިކޮށެވެ. އެއިރު 2-1 އިން ކުރީގައިއޮތީ ތިނަދޫ އެވެ. ނަމަވެސް އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު މެޗު ހުއްޓާލަން ޖެހުމުގައި ތިނަދޫގެ އިހުމާލު އޮތް ކަމަށް ބަލައި މެޗުން 3-0 އިން މޮޅުވީ ހޯނޑެއްދޫ ކަމަށް ވަނީ ނިންމައިފަ އެވެ.

ޖޫރިމަނާ ފައިސާ ދެއްކިއިރު ތިނަދޫން ވަނީ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އެއީ މެޗު ނިމުނު ކަމަށް ރެފްރީ ކަށިގަނޑު ފުމުނުކަމަށްބުނެ އެވެ.

މުބާރާތުގައި ތިނަދޫ މާދަމާ ކުޅޭނީ ގދ. ގައްދޫއާ ދެކޮޅަށެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅެން އޮތް މި މެޗު މާދަމާ އަށް ފަސްކުރީ ހުވަދުއަތޮޅަށް ކުރި ވިއްސާރައިގެ ސަބަބުންނެވެ.

ތިނަދޫގެ ޖޫރިމަނާގެ އިތުރަށް މި މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ތިނަދޫގެ ކޯޗު އިބްރާހީމް ޝާހު ވަނީ މުޅި މުބާރާތުން ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާ 15000ރ. އިން ޖޫރިމަނާވެސް ކޮށްފަ އެވެ. މީގެ އިތުރުން ރޮނާލްޑޯ ވެސް ވަނީ ފަސް މެޗަށް ސަސްޕެންޑްކޮށް 5000ރ. ޖޫރިމަނާކޮށްފަ އެވެ. މި ފައިސާ އަދި ދައްކާފައިނުވެ އެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ ފަރެސްމާތޮޑާގައި އެރަށާއި ހޯނޑެއްދޫ އެވެ.