ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިއަކު ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވުމުން އޭނާ އެކަހެރިކޮށް އެ ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ. ތިނަދޫއަކީ މީހުން ދިރިއުޅޭ ރަށެކެވެ. އާބާދީ ވަރަށް މަދު އެ ރަށް މިހާރު ބަރޯސާވެފައިވަނީ އޮންނަ ލޯކަލް ޓޫރިޒަމަށެވެ.
ސަރުކާރުން މިރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވ. ތިނަދޫގައި އިޓަލީ ފަތުރުވެރިއަކަށް ޝައްކު ކުރެވިގެން އޭނާ ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅަށް ގެނެސް އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގައި ކޮންޓެކްޓް ސްކްރީންްއެއް ކުރަމުން ދާ ކަމަށާއި އެ ފަތުރުވެރިޔާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ކަމަށެވެ.
އެމީހާ ކަރަންޓީނު ކޮށްފައިވާއިރު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހުރި ޓޫރިސްޓަކު އަނބުރާ އިޓަލީއަށް ދިޔުމަށް ފަހު އޭނާ ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމާ ގުޅިގެން ކުރެއްދޫ ރިސޯޓަށް ވެސް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން އިޓަލީއިން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.