ދުނިޔެ

އެކި ގައުމުތަކުން ސީރިޔާ މީހުންނަށް ހެދިގެން ޔޫރަޕަށް އެތެރެވަނީ

Sep 7, 2015

މީގެތެރޭގައި ޕާކިސްތާނާއި ބަގްލަދޭޝް އަދި އިރާގު މީހުން ހިމެނޭ ކަމަށް ހަންގޭރީގެ އޮފިޝަލުން ވިދާޅުވެ އެވެ

ރެފިއުޖީންގެ ތެރޭގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައި ވަނީ ސީރިޔާ މީހުން ކަމަށް ވިޔަސް، ޕާކިސްތާނާއި އިރާގު އަދި މެދު އިރުމަތީގެ ހަނގުރާމަ ހިނގާ އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އެތެރެ ވަމުން ދެއެވެ. ސަބަބު ތަކުގެ ތެރޭގައި ހަނގުރާމައިގެ އިތުރުން، ބަނޑަށް ޖެހުމާއި، ވަޒީފާ، ތައުލީމް އަދި ސިއްހީ ހިދުމަތްތަށް ހޯދުން ހިމެނެއެވެ.

ސާބިއާގެ ބޯޑަރު ބަލަހައްޓާ ފަރާތްތަކުން ބުނާ ގޮތުގައި ދުވާލަކު ތިން ހާހެއްހާ މީހުން އެ ބޯޑަރު ހުރަސްކުރާއިރު، ނުވަދިހަ ޕަސެންޓް މީހުން ބުނަނީ އެމީހުންނަކީ ސީރިޔާ މީހުން ކަމަށެވެ. އެކަމަކު އެކަން ސާބިތުކުރާނެ ލިޔެކިޔުމެއް އޮންނަނީ ވަރަށް މަދު މީހެއް އަތުގައި ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އީޔޫ ގެ ބޯޑަރ އޭގެންސީން ބުނީ ފޭކު ސީރިޔާ ޕާސްޕޯޓް ބޭނުންކޮއްގެން ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މިއީ ސީރިޔާގެ ރެފިއުޖީންގެ ވެސް ކަންބޮޑު ވުމެކެވެ. ބައެއް ރެފިއުޖީން ބުނީ ސީރިޔާގެ ވަކި އަދަދެއްގެ ރެފިއުޖީންނަށް ރައްކާތެރިކަން ދޭން ގައުމުތަކުން ނިންމާފައިވާއިރު މިގޮތަށް އޮޅުވާލާ ފަރާތްތަކުގެ ސަބަބުން ހަގީގީ ރެފިއުޖީންނަށް ރައްކާތެރިކަން ނުލިބުމުގެ ބިރު ބޮޑު ކަމަށެވެ.

އެހީދޭ ބައިނަލްއަގަވާމީ އޭގެންސީ ތަކުން ލަފާ ކުރާ ގޮތުގައި މިއަހަރު މިހާތަނަށް ތިން ލައްކަ ސާޅީސް ހާހަށް ވުރެ ގިން ރެފިއުޖީން ޔޫރަޕަށް އެތެރެ ވެދާނެއެވެ.