ވިޔަފާރި

ކޭޝްފްލޯ ސްޓޭޓްމެންޓް: މިދިޔަ މަހުވީ ހަރަދު ބޮޑު!

Mar 8, 2020

މިދިޔަ މަހު ސަރުކާރުގެ ހަރަދުތައް މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ ބޮޑުވެފައިވާ ކަމަށް ކޭޝްފްލޯ ސްޓޭޓްމެންޓް އިން ދައްކައިފި އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އާއި ހަރަދަށް މަހުން މަހަށް އަންނަ ބަދަލު އެނގޭ ގޮތަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ކޭޝްފްލޯ ސްޓޭޓްމެންޓް އިން ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހުގެ ހަރަދު އުޅެނީ 5.2 ބިލިއަން ރުފިޔާގަ އެވެ. މިއީ ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ 221 މިލިއަން ރުފިޔާ ހަރަދު އިތުރު ވުމެކެވެ.

ކޭޝް ފްލޯ ސްޓޭޓްމަންޓުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހޭދަކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ހަރަދު ބޮޑުވި ކަމަށް ކޭޝް ފްލޯ ސްޓޭޓްމަންޓުން ދެއްކިއިރު ކޮވިޑް-19 ގެ ސަބަބުން ހަރަދުތައް ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ވުޒާރާ ތަކަށް އަންގާފަ އެވެ.