ކުޅިވަރު

ލިވަޕޫލް މޮޅުވުމުގެ ރޭހަށް އައީ ރެކޯޑަކާއެކު

އަމިއްލަ ދަނޑުގައި، ބޯންމައުތުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި ޓޮޕް ޑިވިޝަންގައި، ރެކޯޑަކާއެކު ލިވަޕޫލް އަތުން މޮޅު ވުމުގެ ރޭހަށް އަތުވެއްޖެ އެވެ.

އެންފީލްޑްގައި ހޯދި މޮޅާއެކު، ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 22 މެޗުން މޮޅުވެފަ އެވެ. އެއީ އިނގިރޭސި ޓޮޕް ޑިވިޝަންގައި ހެދި ރެކޯޑެކެވެ. ބޯންމައުތުގެ މެޗުގެ ކުރިން ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު ވަނީ ބަލި ވެފަ އެވެ.

ފޯވަޑް، މުހައްމަދު ސަލާހް، ޕްރިމިއާ ލީގްގައި ކުޅުނު 100 ވަނަ މެޗުގައި، އޭނާ ވަނީ ބޯންމައުތުން ލަނޑު ޖަހާފައި ވަނިކޮށް ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެއީ އޭނާ ޕްރިމިއާ ލީގްގައި ޖެހި 70 ވަނަ ލަނޑެވެ.

ބޯންމައުތުން މެޗުގެ ކުރީކޮޅުގައި ކަލޫމް ވިލްސަން ކާމިޔާބު ކުރި، ސުވާލު އުފެދޭ ލަނޑާއެކު އެވެ. ސުވާލު އުފެދުނީ ކަލޫމް ވިލްސަން އޮފްސައިޑްގައި ހުރި ކަމާ މެދުގަ އެވެ. ލިވަޕޫލްގެ ލަނޑު މެޗުގެ ސެޑިއޯ މާނޭގެ ބޮޑު ހިއްސާއާ އާއެކު ސަލާހް ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ.

ބޯންމައުތުގެ ޑިފެންޑަރު އަތުން މާނޭ ބޯޅަ ހޯދީ، ޑިފެންޑަރު ބޯޅަ ކުޅެމުން އޭރިއާ ބޭރަށް ނުކުމެ ބޯލަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބޯޅަ ހޯދައިގެންނެވެ. ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަދެ، އެންމެ ރަނގަޅު އޭންގަލްގައި ނެތުމުން މާނޭ އެ ބޯޅަ ތަނަވަސް ކޯށްދިނީ އޭރިއާ ަތެރެއަށް ވަން ސަލާހް އަށެވެ.

ލިވަޕޫލް މެޗުން މޮޅުކޮށްދިން ލަނޑު 33 ވަނަ މިނެޓްގައި، މާނޭ ކާމިޔާބު ކުރީ، މެދުރޮނގާ ހިސާބުން ވާޖިލް ވެންޑައިކް ކުރިއަށް ދިން ތުރޫ ޕާސް ހޯދައި، ބޯންމައުތުގެ އޭރިއާގެ ތެރެއަށް ވަދެ އެ ޓީމުގެ ޑިފެންޑާރައި ގޯލްކީޕަރަށްވެސް ފުރުސަތެއް ނުދީ އެވެ.