ނަވާރަސަތޭކަ ފަންސާހުގެ ކުރީގެ އަހަރުތަކުގައި ހިނގި ކޮރެއާ ހަނގުރާމައަށް ފަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އުފެދި އެތައް ބަޔަކު ވަނީ އެމީހުންގެ އާއިލާއާ ވަކި ވެފައެވެ.
މި ބައްދަލުވުން ބޭއްވުމުގެ ވާހަކައަތައް ފެށިފައި މިވަނީ މި ފަހަކުން ދެ ކޮރެއާގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މައްސަލަ ހޫނުވީ މައިން ތަކެއް ގޮވައި ދެކުނު ކޮރެއާ ސިފައިންގެ ދެ މީހުން ޒަހަމްވި ހާދިސާއާ ގުޅިގެންނެވެ. ދެކުނު ކޮރެއާއިން މި ހަމަލާގެ ތުހުމަތު އަޅުވަނީ އުތުރު ކޮރެއާގެ ބޮލުގައެވެ. މި ދެގައުމުގެ މަސްރަހު ހޫނުވަމުންގޮސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވާ ހިސާބައްވެސް މިފަހުން ދިޔައެވެ.
ދެ ކޮރެއާގެ އާއިލީ ބައްދަލުވުންތައް ނުބޭއްވޭތާ މިހާރު ވަނީ ދެ އަހަރާ ގާތްވެފައެވެ. ރުއިމާއި ހުނުން ފެންނަ މި ބައްދަލުވުމަށް މިހާރު އެދިފައިވާ ގިނަ މީހުންނަކީ އުމުރުން ހަތްދިހަ އަހަރުން މައްޗަށް ގޮސްފައިވާ މީހުންނެވެ. މަރުވުމުގެ ކުރިން ވަކި ވެފައިވާ އާއިލާގެ މެމްބަރުންނާ އެއްފަހަރު ނަމަވެސް ބައްދަލުކޮއްލަން ބޭނުން ކަމަށް މި ފަރާތްތަކުން ބުނެއެވެ.
ކޮރެއާގެ އަނެއް ފަޅީގައި ދިރިއުޅޭ އާއިލާ މީހުން ދިރި ތިބި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ގިނަ މީހުންނަކަށް ނޭންގެއެވެ. ދެ ސަރުކާރުން ވެސް މި މީހުން ސިޓީ ބިޓީ ބަދަލުކުރުމާއި ފޯނުން ގުޅުމަށް ވެސް ވަރަށް ބޮޑަށް ހުރަސް އަޅައެވެ.