ދުނިޔެ

ބަނގުރާ ސާވްކޮށްދޭން ދެކޮޅުހެދި މުސްލިމު ފްލައިޓް އެޓެންޑަންޓް ވަޒީފާއިން ކަނޑާލަނީ

Sep 7, 2015

ވަޒީފާ އަދާނުކުރާ ކަމަށް ބުނެ ސަސްޕެންޑްކޮށް މުސާރަ ހިފެހެއްޓުމަށް ފަހު ވަޒީފާ އިން ކަނޑާލާނެ ކަމުގެ ނޯޓިން ދީފައި ވަނީ އެމެރިކާގެ އެއާލައިނެއް ކަމުގައިވާ އެކްސްޕްރެސްޖެޓް ފްލައިޓްއެޓެންޑަންޓެއް ކަމުގައިވާ ޗަރީ ސްޓޭންލީ އަށެވެ. އޭނާ މިހާރު ވަނީ މި މައްސަލަ އެމެރިކާގެ އީކުއަލް އެމްޕްލޮއިމެންޓް އޮޕަޗިއުނިޓީ ކޮމިޝަނަށް ހުށަހަޅައިގެން ވަޒީފާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

އުމުރުން 40 އަހަރުގެ މި ފްލައިޓް އެޓެންޑަންޓަކީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން ފެށިގެން އެކްސްޕްރެސްޖެޓްގެ ވަޒީފާއާ ގުޅުނު ފަރާތެކެވެ. އޭނާ އިސްލާމްވީ މީގެ ދެ އަހަރު ކުރިންނެވެ.

އެއަށް ފަހު ދީނުގައި އޮންނަ ގޮސް ރަނގަޅަށް ދަސްކުރުމަށް ފަހު އޭނާ ވަނީ އެއާލައިންގެ އިސް ފަރާތްތަކާ ވާހަކަ ދައްކައިގެން ފްލައިޓް ތެރޭގައި ބަނގުރާ ސާވްކުރުން ހުއްޓާލައިފަ އެވެ. ސްޓޭންލީ ތަމްސީލުކުރާ ވަކީލުންގެ ފަރާތުން ވާހަކަ ދެއްކެވި ލީނާ މަސްރީ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ފްލައިޓް ތެރޭގައި ފަސިންޖަރުންނަށް ބަނގުރާ ސާވްކޮށްދޭން ބޭނުން ނުވެގެން އެކަމަށް ހައްލެއް ހޯދައި ދިނުމަށް ސްޓޭންލީ އެދުމުން އެއާލައިނުން އޮތީ އެންމެ ފުރަތަމަ ނިކަން ރަނގަޅު ހައްލެއް އެކަމަށް ހޯދައިދީފައި ކަމަށެވެ.

އެގޮތުން މި މައްސަލައެއް ޖެހެންދެން އޭނާ ފްލައިޓް ތެރޭގައި ފަސިންޖަރުންނަށް ބަނގުރާ ސާވްކޮށްދިނުން ހުއްޓާލާފައިވާއިރު އޭނާ ގާތުގައި ފަސިންޖަރަކު ބަނގުރަލަށް އެދިއްޖެ ނަމަ އެ ފަސިންޖަރަކު އެދޭ ގޮތަށް ބަނގުރާ ސާވްކޮށްދެމުން އައީ އޭނާއާ އެކު ޑިއުޓީގައި އުޅޭ އެހެން ފްލައިޓް އެޓެންޑަންޓުންނެވެ.

ނަމަވެސް މި މައްސަލަ ފަހުން ހޫނުވީ ސްޓޭންލީ އޭނާގެ ވަޒީފާގެ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ އަދި ވަޒީފާގައި އުޅޭއިރު ބުރުގާ އަޅައިގެން އުޅޭ ކަމަށް ބުނެ އެހެން ފްލައިޓް އެޓެންޑަންޓަކު އެއާލައިންގެ ވެރިންނަށް ޝަކުވާ ހުށަހެޅުމުންނެވެ.

އެހިސާބުން ފެށިގެން އެއާލައިނުން ވަނީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލާގައި އެކްސްޕްރެސްޖެޓް އެއާލައިނުން ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ.