ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްޑީޕީ

އެމްޑީޕީގެ ކެމްޕޭންގެ ތެރެއިން ކޮރޯނާ ވައިރަހަށް ހޭލުންތެރި ކުރަނީ

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖޭން ވެސް ފެނުމުން އެ ވައިރަސްއަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކަކާއެކު ކެމްޕޭން ކުރިއަށް ގެންދަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ އެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެފައި އެ ޕާޓީގައި 93،000 އަށް ވުރެ ގިނަ މެންބަރުން އެބަ ތިބި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެމްޕޭން މެސެޖުތަކާއެކު ވައިރަހުން ސަލާމަތް ވުމުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މި ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ހެލްތް މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އާއި ގުޅޭ ގޮތުން އާންމު ކުރާ މައުލޫމާތާއި ޚަބަރުތައް އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ރާއްޖޭން ވެސް ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީގެ ކެމްޕޭންގެ އަމަލީ ހަރަކާާތްތައް މަޑުޖައްސާލައިފަ އެވެ. އެ ބައްޔަށް މަގުފަހިވާނެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ޕާޓީން ވަނީ ނިންމާފަ އެވެ. އަދި އިންތިހާބުގެ ކެމްޕޭންތައް ސޯޝަލް މީޑިއާ އާއި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރުމަށް ނިންމާފައިވެ އެވެ.

އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ވެސް ވަނީ މަޑުޖައްސާލާފަ އެވެ. އަންނަ ކައުންސިލް އިންތިހާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލީ ވެސް މި ތިން ޕާޓީގެ ފަރާތުންނެވެ. އެހެން ޕާޓީތަކުގެ މެދުގައި ކައުންސިލް އިންތިހާބަށް މާ ބޮޑު ވާދަވެރި ކަމެއް ނެތެވެ.

ކޮރޯނާ ވައިރަަސް ރާއްޖޭން ފެނުމާ ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމަށް ވެސް އާންމުންގެ ތެރެއިން ބައެއް މީހުނާއި ސިޔާސީ ބައެއް ބޭފުޅުން ދަނީ އެދެމުންނެވެ. ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން އޭގެ މަޝްވަރާތަކެއް ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ އިންތިހާބު ފަސްކުރަނީ ފަސް ކުރަން ޖެހޭ މާހައުލެއް އުފެދިއްޖެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އެންގުމުން ކަމަށެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށާއި އއ. ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓުންނަށެވެ. މި ކަމާ ގުޅިގެން އެ ދެ ރިސޯޓު މިހާރު އޮތީ މީހުން އަރާ ފޭބުން ބަންދުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓުގެ 93 މީހަކު އާއި ބަތަލާ ރިސޯޓުގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނު ކޮށްފަ އެވެ.