ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

"ކެމްޕޭން ޖަލްސާތައް ބޭއްވުން އެދެނީ ވާޗުއަލްކޮށް"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބާއްވަން ބާރުއަޅާ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކައުންސިލް އިންތިހާބުގައި އަމަލުކުރަން ޖެހޭ އާންމު އުސޫލުގައި އިންތިހާބަށް ތައްޔާރުވުމުގައްޔާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ހިމަނާފައިވެއެވެ.

އަދި ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތާއި ވޯޓުލުމަށް މަރުކަޒުތަކަށްދާ މީހުން އަމަލު ކުރަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގައި އަމަލު ކުރަން ޖެހޭ ގޮތްވެސް ބުނެދީފައިވެއެވެ.

މީގެ އިތުރުން ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތްވެސް ބަޔާން ކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން މޮނިޓަރިންގެ ހާލަތުގައިވާ ރަށެއްގައި ކެންޕެއިން ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރެވޭނެ އެވެ. އަދި ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ބަދަލުގައި ބޭނުން ކުރަން ޖެހެނީ އޮންލައިން ޕްލެޓްފޯމްތަކެވެ. އަދި ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށް ބާރު އަޅާފައިވެއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ކައުންސިލް އިންތިހާބުގެ ރަސްމީ މަސައްކަތް މިދިޔަ ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ރަސްމީކޮށް ފަށާފައެވެ.