ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދައުރުގެ ބައި އުނިކޮށް ހަސަން ލަތީފުގެ ބިލު ވެސް ފާސްކޮށްފި

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ އުސޫލުތައް ބަޔާން ކުރާ ސަންސެޓް ގާނޫނުގެ ގޮތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އަންނަ ބުރާސްފަތި ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ އެވެ. ދައުރު ދިގު ކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ މެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެފައިވަނިކޮށް ސަންސެޓް ގާނޫނަކުން އެ ކަން ކުރެވޭނެ ކަމަށް ވިދާޅުވެ ހަސަން ލަތީފު ވެސް ބިލެއް ހުށަހެޅުއްވީ އެވެ.

ނަމަވެސް ކައުންސިލަރުންގެ ދައުރު ދެންމޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އާއިި ސުޕްރީމް ކޯޓުން ލަފާ ދިނެވެ. އެހެންކަމުން ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް އިތުރުކޮށް ދައުރު ދަންމަން މަޖިލީހުން މިރޭ ފާސްކުރި އެވެ.

މަޖިލީހުން މިރޭ ފާސްކުރި އިންތިގާލީ އެ މައްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ކައުންސިލަރުން ތިބޭނެ އުސޫލުތައް ހިމެނޭ ވަގުތީ ނުވަތަ ސަންސެޓް ގާނޫނެއް މަޖިިލީހުން ފާސްކުރަން ޖެހޭނެ އެވެ.

ގާނޫނު އަސާސީގައި ހިމެނި އިންތިގާލީ މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގައި ތިބޭނެ އުސޫލުތައް ބަޔާން ކުރާ ބިލެއްގެ ގޮތުގައި ހަސަން ލަތީފުގެ ބިލު ފާސްކުރީ 73 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިރޭގެ މި ޖަލްސާ ފެށުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކައަށް ހުރަސް އެޅުމުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރުނެވެ. ޝިޔާމް އެ ކަމަށް ދެކޮޅު ހެއްދެވުމުން އޭނާ މަޖިލީހުން ނެރުނީ އެމްޑީޕީގެ މެންބަރުން އަޑު ގަދަ ކުރައްވައި މަޖިލީހުގެ ސާޖެޓް އޮފް އާމްސް ފޮނުވައިގެންނެވެ.

އެ ހަމަޖެހުންތަކުގެ ތެރޭގައި މެންބަރުންނަށް އަނިޔާވި ކަމަށް އެމްޑީޕީން ވެސް އަދި ޕީޕީއެމުން ވެސް ބުނެފައިވެ އެވެ. އެ ހަމަނުޖެހުންތަކަށް ފަހު، ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ހުރިހާ މެންބަރުން ވަނީ ޝިޔާމާ އެކު ފުލުސް އޮފީހަށް ވަޑައިގެންފަ އެވެ. އެހެންވެ މިރޭ ނެގި އެއްވެސް ވޯޓެއްގައި އިދިކޮޅުގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ.

ކައުންސިލަރުން ތިބޭނެ އުސޫލުތައް ހިމެނޭ ގާނޫނެއް ފާސްކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ނިންމީ ގާނޫނު އަސާސީގައި އިތުރު ކުރި އިންތިގާލީ މާއްދާގެ މުއްދަތުގައި ދިމާވެދާނެ އިތުރު ގާނޫނީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައެޅުމަށެވެ.

ހަސަން ލަތީފުގެ ބިލު ދިރާސާ ކުރި ލާމަރުކަޒީ ކޮމިޓީން ވަނީ ބިލު ހުށަހެޅުއްވިއިރު އޭގައި ބަޔާން ކޮށްފައިވާ ކައުންސިލަރުންގެ ދައުރުގެ މުއްދަތުގެ ބައި އުނިކޮށްފަ އެވެ. އަދި އިންތިގާލީ މާއްދާގެ މުއްދަތުގައި ކައުންސިލްތަކުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި އަމަލު ކުރާނެ އުސޫލުތަކެއް ބިލުގައި ހިމެނި އެވެ.

ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި ކައުންސިލް އިންތިހާބު ނުބޭއްވޭއިރު ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތެއްގައި ހުސްވި ކައުންސިލަރުގެ މަގާމަށް މީހަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކައުންސިލަރަކު އައްޔަން ކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އޭގެ ބަދަލުގައި ދެން ކައުންސިލްގައި ތިބި ކައުންސިލަރުންނާ އެކު ކުރިއަށް ދެވޭނެ އުސޫލެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައި، އެ އޫސުލުގެ ތެރެއިން ކައުންސިލް ހިންގުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

އެމްޑީޕީގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކައުންސިލަރުންގެ ދައުރާ މެދު ގޮތެއް ނިންމުން ލަސްވެގެން ދިޔައިރު، އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މަޖިލީހަށް އެމްޑީޕީގެ ދެ މެންބަރުން ވެއްދި ދެ ބިލު ވެސް މިހާރު މި ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.