ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކައުންސިލަރުންގެ ދައުރު ދަމާލަން ވަގުތީ ގާނޫނެއްގެ ބިލެއް

ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް ހިމަނައި ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވަގުތީ ގާނޫނުގެ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު ހެނދުނު 11:00 ގައި ވެބް ކޮންފެރެންސް މެދުވެރިކޮށް ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ބިލުގެ ފުރަތަމަ ކިއުން އިއްވަން އެޖެންޑާ ކޮށްފައިވެސް ވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނިމި ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލުތަކުގެ ދައުރު ހަމަވެ ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ގޮސްދާނެތީ ކަމަށް ބިލުގައި ބުނެ އެވެ. އެ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނެތް ކަމަށް ވެސް ބިލުގައި ބުނެ އެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލު ވުމުން އެ ގާނޫނު އުވިގެން ދާނެ އެވެ.

ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވަގުތީ ގާނޫނެއް ހަސަން ލަތީފު ހުށަހެޅުއްވީ، ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ވެސް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

ނަމަވެސް މި ދަނޑިވަޅުގައި ގާނޫނު އަސަސީ އިސްލާހު ކުރަން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް އެ މެންބަރުން ދެކޮޅެވެ. އެ މެންބަރުންގެ ވިސްނުމާއި އަމާޒު ހުންނެވީ ރައީސް އައްޔަން ކުރާ ބަޔަކު ކައުންސިލްތަކާ ވަގުތީ ގޮތުން ހަވާލުވާށެވެ.

ކައުންސިލަރުންގެ ދައުރު ދިގު ކުރަން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅުއިރު، ރައީސް އައްޔަން ކުރާ ބަޔަކަށް ކައުންސިލްތައް ހަވާލު ކުރަން ދެން ތިބި މެންބަރުން ދެކޮޅެވެ. އެމްޑީޕީގެ އެ މެންބަރުންގެ ވިސްނުން ހުންނެވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާށެވެ. ހަސަން ލަތީފަކީ އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެންބަރެކެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ ބައެއް މެންބަރުންގެ ކަންބޮޑުވުން ވެސް އޮތުމާއެކު ހަސަން ލަތީފު ވަނީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއްގައި ބަޔާން ކޮށްގެން އެ މައްސަލަ ހައްލު ކުރެވެން އޮތް ކަމަށް ވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

އޭނާ ފާހަގަ ކުރައްވާ ގޮތުގައި ގާނޫނު އަސާސީގައި އުފަންވެފައި ނެތް ހާލަތެއް މެދުވެރިވުމުން އެ ހާލަތުގައި އަމަލު ކުރާނެ ވަގުތީ ގާނޫނެއް ގެނައުމަކީ މަޖިލީސްތަކުން ކުރާ ކަމެކެވެ. މިހާރު އޮތް ވަގުތީ ގާނޫނުގައި ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީހާއި އިންތިހާބު ބޭއްވޭ ތާރީހާ ދެމެދުވާ މުއްދަތުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރެވިދާނެ އެވެ. އެ އުސޫލަކަށް އޭނާ ތާއީދު ކުރައްވަނީ މިހާރު ތިބި ކައުންސިލަރުންނާ އެކު ކުރިއަށް ދިއުމަށެވެ.