ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރި ކުރި 90 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން މިހާތަނަށް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މަބްރޫކް މިހެން ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މަބްރޫކް ވިދާޅުވީ ކުރެއްދޫ އައިލެންދް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގެ 90 މީހަކު އައިސޮލޭޓް ކުރި ކަމަށެވެ. އަދި މީގެ ތެރެއިން 60 މީހަކު ކުރެއްދޫގައި އައިސޮލޭޓް ކުރި ކަމަށާއި 25 މީހަކު އެވަގުތު އެމީހުން ތިބި ތަނެއްގައި އައިސޮލޭޓް ކުރި ކަމަށެވެ. ނަމަވެސް މީގެއިން އެއްވެސް މީހެއްގެ ފަރާތުން އެ ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު މި ބައްޔަށް ޕޮޒިޓިވް ވި އިރު އޭނާގެ ފަރާތުން ކުރެއްދޫގެ ހަތަރު މީހަކަށް ވަނީ މި ބަލި ފެތުރިފަ އެވެ. އަދި އޭނާ ފުރަން އެއާޕޯޓަށް ދިޔުމަށްފަހު އެ ދުވަހު ނުފުރިގެން އެނބުރި މާލެ އައިސް މާގިރި ހޮޓެލްގައި މަޑުކޮށްފައިވެ އެވެ. އަދި ޓިކެޓް ބަދަލުކުރުމަށް އޭނާ ވަނީ ރިސަވޭޝަން ސެންޓަރަކަށްވެސް ގޮސްފަ އެވެ.
ސަރުކާރުން ބުނީ މާގިރި ހޮޓަލުގެ 15 މީހަކު އޭނައާ ކޮންޓެކްވި ކަމަށާއި އެމީޙުން އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. އަދި ޓިކެޓް ރިޒަވޭޝަން ސެންޓަރުން ކޮންޓެކްޓްވި މީހާ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ޓެސްޓުތައް ހަދަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހުސްވެސް ބިދޭސީންނެވެ.