ވިޔަފާރި

މިދިޔަ މަހު އާމްދަނީ: 12.3 ޕަސެންޓުގެ އިތުރު

Mar 11, 2020
1

މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ބަލައިގަތް އާމްދަނީ 12.3 ޕަސެންޓުގެ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ބުނި ގޮތުގައި ފެބްރުއަރީ މަހު ޖުމްލަ 1.43 ބިލިއަން ރުފިޔާ ބަލައިގެންފައި ވެއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 12.3 ޕަސެންޓުގެ އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 2.2 ޕަސެންޓުގެ އިތުރު އަދަދެކެވެ.

މީރާ އިން ބުނި ގޮތުގައި ފެބްރުއަރީ މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބީޕީޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމުން ފެބުރުއަރީ މަހަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން، މި މަހުގައި ލިބިފައިވާ ފައިސާ އިތުރުވުން ހިމެނެ އެވެ.

އަދި، މިދިޔަ އަހަރުގެ ފެބުރުއަރީ އާއި އަޅާ ބަލާއިރު މި އަހަރުގެ ފެބުރުވަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓް (ވީއައިއޭ) އިން މީހުން ފުރާފައިވާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގެ ލިބިފައިވާ ފައިސާ އިތުރުވުން ހިމެނެ އެވެ. މީގެ އިތުރުން، ފެބުރުވަރީ 2020 މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ 'ވަންސް-އޮފް ޕޭމަންޓް' އެއް ކަމުގައި ވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެކެވެ.

ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. މި ޓެކުހުން އާމްދަނީގެ ގޮތުގައި 623.73 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ އިން ނެވެ. ބީޕީޓީގެ ގޮތުގައި 412.54 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 77.02 މިލިއަން ރުފިޔާ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 72.53 މިލިއަން ރުފިޔާ ލިބުނުއިރު، ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 168.86 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 57.2 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.