ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއް ހަފްތާއަށް ސްކޫލުތައް ބަންދުކޮށްފި

Mar 11, 2020

ކޮރޯނާ ވައިރަހާ ގުޅިގެން އެއް ހަފްތާއަށް ސްކޫލުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ދާދި ދެންމެ އަކު އިއުލާންކޮށްފި އެވެ.

ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާއެއްގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާއިރު، ސްކޫލުތައް ބަންދުކުރަން ބައެއް ޑޮކްޓަރުންނާއި ޓީޗަރުންގެ ޖަމިއްޔާ އިން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ސްކޫލުތައް ނުހުޅުވައި، އިތުރު ހަފްތާއަކަށް ސްކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ސްކޫލުތައް ބަންދުކުރާނަމަ، ގޭގައި ބައިތިއްބައިގެން ކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމުތައް އެޑިޔުކޭޝަން މިނިސްޓްރީން ބަލަމުން އަންނަކަމަށް މަބުރޫކު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ. އޭގެ އިތުރުން ކުރަމަތި ރިސޯޓުންވެސް ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.