މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި އެވެ.
ގާތްގަނޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަހު ދަރިވަރުން ގޭގައި ތިބެގެން ކިޔެވުމަށްފަހު މިއަދު ކިޔެވުން ފެށީ ދަރިވަރުން ސްކޫލްތަކަށް ހާޒިރު ވެގެންނެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން 92،000 ދަރިވަރުންނާ އެކު އެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް ދިރާސީ އަހަރެއްގެ ކިޔެވުން އަހަރެއްގެ މެދުތެރެއިން ފެށި ފުރަތަމަ ފަހަރެވެ. މިބަދަލު ގެނައި ނަމަވެސް ކިޔަވައިދިނުން ކުރިއަށްދާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ދެ ޓާމަށް ބަހާލައިގެން އެކަޑަމިކް ކަލަންޑަރުގެ ތާވަލާ އެއްގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.
ދިރާސީ އައު އަހަރުގެ ތަހުނިޔާ ހުރިރާ ސްކޫލް ކުދިންނަށް ފޮނުއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިއީ އައު ފެށުމެއް ކަމަށާއި އުޖާލާ އާ އަހަރެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް ކަމަށާއި އެ ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން ކަމަށެވެ. އަދި ކަން ކަމަށް ޝައުގު ހުރުން ކަމަށެވެ.
“ދޫނުކޮށް އެއްވާނެއްގައި ކުރާ މަސައްކަތަކީ، ކާމިޔާބުގެ ސިއްރު” ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯހިލްވެސް ވަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ ދަރިވަރުންނަށާއި ޓީޗަރުންނަށް ފޮނުއްވާފަ އެވެ.
ކޮވިޑް ބަލި އަދިވެސް ފެތުރެމުން ދާތީ ސެޕްޓެމްބަރުން ފެށިގެން ސްކޫލްތަކަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މަސައްކަތްތެރިން ވަނުން ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ފަހުގެ ތައްޔާރީތައް މިދިޔަ އާދިއްތަ ދުވަހު ވަނީ ހިއްސާކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭނުންވާ ވަރަށް ޓީޗަރުން ހަމަވެއްޖެ އެވެ. ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި އެއްވެސް ސުކޫލެއްގައި ކިޔެވުން ނުހުއްޓޭނެ އެވެ.
ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް މި އަހަރު ދެނީ ދެ ގޮތަކަށެވެ. އެއީ ޑިޖިޓަލް ފޮތްތާއި ހާޑް ކޮޕީ ފޮތްތަކެވެ. ގްރޭޑް ނުވައަކާއި ގުރޭޑް 11 އިގެ ދަރިވަރުންނަށް މިފަހަރު ކިވައިދޭނީ ޑިޖިޓަލް ފޮތް ބަޔަކުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދަރިވަރުންނަށް މިހާރު ފޮތްތައް ވަނީ ހަވާލުކޮށްފައެވެ. ހާޑްކޮޕީ ނުދެވޭ ދަރިވަރުންނަށް ސޮފްޓް ކޮޕީ ދީފައިވާ ކަމަށެވެ.
ނަމަވެސް އަވަސްއިން ވާހަކަ ދެއްކި ސުކޫލުތަކުގެ ޕްރިންސިޕަލުން މިނިސްޓަރުގެ މި ވާހަކަތައް ދޮގުކުރެ އެވެ. މެދު އަތޮޅުތަކަށް ނިސްބަތްވާ ބޮޑު ރަށެއްގެ ސުކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި ދިރާސީ އައު އަހަރު ފެށޭއިރު ދަރިވަރުންގެ ސުކޫލު ފޮތްތައް ހަމައެއް ނުވެ އެވެ. އަދި އެކަން އޮތީ މިނިސްޓަރު އެ ވިދާޅުވާ ގޮތަކަށް ނޫނެވެ.
ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހުމެވެ. ފޯރުކޮށްދޭ ކަމަށް ބުނާ ޑޭޓާގެ ބަދަލުގައި ބެލެނިވެރިންގެ އަތުން ބޮޑު އަދަދެއް ހަރަދުކުރަން ޖެހުމެވެ.
މިއަހަރުގެ ދިރާސީ އަހަރު ފެށީ ސުކޫލުތަކަށް ކޮންމެހެން ބޭނުންވާ މަރާމާތު ނެތި އެވެ. ވަރަށް ގިނަ ސުކޫލުތަކުން ވަނީ މަރާމާތަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެޑިއުކޭޝަންގައި އެދިފަ އެވެ. އެކަމަކު ސުކޫލުތަކަށް އެ ހުއްދަ އެޑިއުކޭޝަނުން ދީފައެއް ނުވެ އެވެ. މިފަދަ އެތައް ސަބަބަކާއެކު މިއަހަރުގެ ދިރާސީ އަހަރަށް އެޑިއުކޭޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނަން އުނދަގުލެވެ. ސުކޫލުތަކުގެ ވެރިންގެ ބަހަކީ އެއީ އެވެ.