ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭ ސްކޫލް ބަންދަށް އިތުރު ދެ ހަފުތާ

ކުރިއަށް އޮތް ދެ ހަފްތާގައިވެސް ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަނުން މިއަދު ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މާލެ ސިޓީ ސްކޫލްތަކުގެ ކިޔެވުން ސެޕްޓެމްބަރު 17ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ޓްވީޓެއް ކޮށް ބުންޏެވެ.

އަދި ބުނީ، ބަންދު ދެ ހަފުތާ އަށްފަހު ބަލި ފެތުރޭ ގޮތް ބަލައި އެ ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 10ގަ އެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ.

މާލެ ސިޓީގެ ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށްފަހު ތިން މަސް ފަހުން ސްކޫލްތައް ވަނީ ހުޅުވާފަ އެވެ. އަލުން ހުޅުވާލީ ގްރޭޑް 9 އަކުން މަތީގެ ގްރޭޑް ތަކަށެވެ. އެހެންނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮސިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ކޮވިޑްގެ ކޭސްތައް މަދު ނުވިނަމަވެސް، އަންނަ އޮކްޓޫބަރު މަހު ބާއްވާ ގްރޭޑް 11 އާއި 12ގެ ދަރިވަރުންގެ ފަހު އިމްތިހާނަށް ފަރިތަކޮށްދިނުމަށް މާލެ ސިޓީގެ ބައެއް ސްކޫލުތަކުގައި ދަނީ ދަރިވަރުން ސްކޫލަށް ގެންގޮސް ފަރިތަކުރުމުގެ ކްލާސްތައް ބާއްވަމުންނެވެ. މި ކްލާސްތައް ކުރިއަށްގެންދަނީ އޮންލައިން ކްލާސްތައްވެސް ހިމަނަައިގެނެވެ.