ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޯޗް އާޓެޓާ އާއި ހޮޑްސަން އޮޑޯއީ ޕޮޒިޓިވް ވެއްޖެ

ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށް، އާސެނަލްގެ ކޯޗް، މިކަލެ އާޓެޓާ އާއި ޗެލްސީގެ ވިންގާ ކެލަމް ހޮޑްސަން އޮޑޯއީ، ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑް 19 އަށް އާޓެޓެ ޕޮޒިޓިވް ވިކަން ހާމަވީ ރޭ ހެދި މެޑިކަލް ޓެސްޓްތަކުންނެވެ. ބްރައިޓޮން އާ ދެކޮޅަށް އާސެނަލް މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗު ވަނީ މިހާރު ފަސް ކޮށްފަ އެވެ. އަދި އާސެނަލްގެ މުޅި ޓީމު ކަރަންޓީންގައި ތިބެން ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ އަންގާފަ އެވެ.

މިއަދުގެ ހެނދުނު ޗެލްސީ ވެސް ވަނީ، އެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ކަރަންޓީންގައި ތިބެން އަންގާފަ އެވެ. ކަރަންޓީންގެ މުއްދަތު ދެމިގެން ދާނީ 14 ދުވަސް ވަންދެންނެވެ. އާސަނެލްގެ ޕްރިމިއާ ލީގް މެދުކަނޑަލަން ކުލަބުތަކުން ވަނީ މަޝްވަރާއަށް ގޮސްފަ އެވެ.

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖެމިން މެންޑީގެ އާއިލާ މީހެއްގެ ގައިން، ކޮވިޑް 19 ގެ އަލާމަތްތަކެއް ފެނުމުން އޭނާ އަމިއްލައަށް ވަނީ ކަރަންޓީން ވެފަ އެވެ. ލެސްޓާ ސިޓީގެ ކޯޗް ބްރެންޑެން ރޮޖާސް އިއްޔެ ބުނީ، އެޓީމުގެ ހަތަރު ކުޅުންތެރިޔެއްގެ ގައިން ކޮވިޑް 19 ގެ އަލާމަތްތައް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިނެއް ކަމެއް އޭނާ ހާމަކޮށްފަ އެއް ނުވެ އެވެ.

ކޮވިޑް 19 ގެ ސަބަބުން، ކުޅިވަރު އިވެންޓްތައް ވަނީ ހުއްޓާލަން ޖެހިފަ އެވެ. އިޓާލިއަން ލީގް ވަނީ މިހަފުތާ ކުރީ ކޮޅު މެދުކަނޑާލާފަ އެވެ. ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ޓްރޭ ތޮމްކިންސް ވެސް ކޮވިޑް 19 އަށް ޕޮޒެޓިވް ވުމުން އެ ކުލަބުގެ ފުޓްބޯޅަ ޓީމުވެސް ވަނީ ކަރަންޓީން ކޮށްފަ އެވެ. ރޭ ސްޕެއިންގެ ރޯޔަލް ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ ސްޕެނިޝް ލީގް ވެސް މެދުކަނޑާލިކަން އިއުލާން ކޮށްފަ އެވެ.

ފުޓްބޯޅަ ޓީމު ކަރަންޓީން ކުރީ، ރެއާލްގެ ރަސްމީ ޓްރެއިނިން ސެންޓަރު ވެލްޑަބެބަސްގައި ތޮމްކިންސް ވެސް ހޭދަ ކޮށްފައި ވުމުންނެވެ. ވެލްޑަބެބަސް އަކީ ފުޓްބޯޅަ ސެކްޝަނާއި ބާސްކެޓްބޯޅަ ސެކްޝަންގެ ޓްރެއިންތައްވެސް ކުރިއަށް ގެންދާ ސެންޓަރެވެ.

ބުދަ ދުވަހުގެ ރޭ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ވެސް ޓެސްޓް ކުރުމުން އޭނާވެސް ޕޮޒިޓިވް ވެފައިވާކަން ވަނީ ހާމަކޮށްފަ އެވެ. އެ ޓީމުގެ ކުޅުންތެރިންވެސް ވަނީ ކަރަންޓީން ކޮށްފަ އެވެ. އަދި އިޓަލީގެ އިންޓަ މީލާނުން ވަނީ އެ ޓީމުގެ ހުރިހާ ހަރަކާތެއް ކެންސަލް ކޮށްފަ އެވެ.