ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސައުދީއަށް ބޭރު މީހުން އެތެރެ ނުވެވޭ ގޮތަށް ފްލައިޓުތައް ހުއްޓާލައިފި

Mar 14, 2020

ރިޔާދު (މާޗް 14) - ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއަށް އަންނަ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކެއް ހުއްޓާލަން އެ ގައުމުން ނިންމައިފި އެވެ.

ސައުދީގެ އިންޓިރިއާ މިނިސްޓްރީން ބުނި ގޮތުގައި އަންނަ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅު އަޅާފައިމިވަނީ، އިއްޔެ އެކަނި ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި 24 މީހަކު ފެނިފައިވަނިކޮށެވެ. އެއާއެކު މިހާތަނަށް ސައުދީގައި އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 86 އަށް އަރައިފަ އެވެ.

އާދީއްތަ ދުވަހުގެ ސައުދީ ގަޑިން ހެނދުނު 11:00 އިން ފެށިގެން ބޭރުން އަންނަ އެއްވެސް ފްލައިޓެއް ޖެއްސުމުގެ ހުއްދަ ދެވޭނީ ވަރަށް ހާއްސަ ހާލަތްތަކުގައިކަމަށްވެސް ސައުދީން ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އަދި އެކަމާ ގުޅިގެން އެނބުރި ގައުމަށް ނާދެވޭ ސައުދީ ރައްޔިތުންނަށް، އެ މުއްދަތަކީ ޗުއްޓީގެ ގޮތުގައި ބެލުމަށް ވަނީ ނިންމައިފަ އެވެ.

ޗައިނާ އިން އުފަންވެގެން މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާ ބަލި ޖެހުނު މީހުންގެ އަދަދު 145،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 5،000 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، އެ ޗައިނާގައި އެ ބަލި މިހާރު ނުފެތުރޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާއިރު، އެ ވައިރަހުގެ އެޕިސެންޓަރަކީ ޔޫރަޕުކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.