ބިލިއަނަރު ނަގީބް ސަވީރިސް ވިދާޅުވީ ރެފިއުޖީންނަށްޓަކާ އޭނާގެ މާލިއްޔަތުން ހަރަދުކުރަން ތައްޔާރަށް ހުރި ކަމަށާއި، އިޓަލީން ނުވަތަ ގްރީސްއިން ރަށެއް ވިއްކަން ތިބި ނަމަ އޭނާ ހުންނެވީ މިހާރުވެސް ގަންނަން ތައްޔާރަށް ކަމަށެވެ. މި ރަށަށް ކިޔަން އޭނާ ބޭނުންވާ ނަމަކީ "ހޯޕް" އެވެ.
އޭނާ ވިދާޅުވީ އިޓަލީއާއި ގްރީސްގައި ފަޅުރަށްތައް ބައިވަރު އޮތްއިރު، އެތަނުން ރަށެއްގައި ލައްކައެއް ނުވަތަ ދެ ލައްކައެއްހާ މީހުންނަށް އުޅެވޭނެ ކަމަށެވެ. މިއީ މހިޔާލީ ފޮލާ އެއް ކަމަށް ބައެއް ފަރާތްތަކުން ދެކުނަސް އޭނާ ދެކޭ ގޮތުގައި އެއީ ބަރާބަރު ހައްލެކެވެ.
"މިއީ ވަރަށް ފަސޭހަ ހައްލެއް. އެމީހުން އަހަރެންނަށް ރަށެއް ވިއްކީމަ އަހަރެން އެތާނގައި ރެފިއުޖީންނަށް ވަގުތީ ހިޔާ އަޅައިދޭނަން. ބަނދަރެއް ހަދައިދޭނަން. އަދި އަހަރެން ރެފިއުޖީންގެ އަމިއްލަ ގެތަށް އެޅުމަށް އެމީހުންނަށް ވަޒީފާ ދޭނަން. ހޮސްޕިޓަލަކާ ހޮޓަލަކާ ސްކޫލްތަކާއި ޔުނިވަސިޓީއެއް އަޅައިދޭނަން."
ސަވީރިސް ވިދާޅުވީ ބޭނުންވެއްޖެ ހިނދެއްގައި ރެފިއުޖީންނަށް އެމީހުންގެ ގައުމަށް އެނބުރި ދެވޭނެ ކަމަށާއި ނުވަތަ ދާއިމީ ގޮތެއްގައި އެރަށުގައި އުޅުމަށް ވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ގްރީކާއި އިޓަލީގެ ރަސްމީ ފަރާތަކުން އަދި މިކަމާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.
"ބައެއް ފަހަރު އަހަރެން ހިތައް އަރާ މި ސިޔާސީ ވެރިންގެ ހިތެއް ވެސް ނޯންނަނީ ބާއޭ. އަހަރެން އެމީހުންގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މި ރެފިއުޖީން ވަޒަންވެރި ކުރުވާނެ ރަށެއް ވިއްކުން. އިތުރު އެއްވެސް ކަމެއް އަހަރެން އެމީހުންގެ ކިބައިން ބޭނުމެއް ނޫން." ސީސީއެންއެން އަށް ދެއްވި އިންޓަވިއު އެއްގައި ބިލިއަނަރު ވިދާޅުވި އެވެ.
މިސްރުގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ސަވީރިސް އަކީ މުއާސަލާތީ ކުންފުނި އޮރާސްކޮމް ޓީއެމްޓީ ގެ ވެރިޔާއެވެ. ވިޔަފާރިވެރިންގެ އާއާއިލާއަކަށް ނިސްބަތްވާ ސަވީރިސް އަކީ ސިޔާސީ ޕާޓީއެއް ވެސް އުފައްދާފައިވާ ފަރާތެކެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ވަނީ ދެން އިތުރަށް ރެފިއުޖީންނަށް ހިމާޔަށް ދޭން ދަތި ކަމަށް ބުނެފައެވެ. އެކަމަކު މިހާރުވެސް އެތައް ހާސް ރެފިއުޖީންނެއް ދަނީ މި ގައުމުތަކުގެ ބޯޑަރު ކައިރިއަށް ޖަމާވަމުންނެވެ. އީޔޫ އަށް އަދިވެސް ވަނީ ހުރިހާ މެންބަރު ގައުމުތައް އެއްބަސްވާ އުސޫލުތަކެއް ކަނޑަނޭޅިފައެވެ. ސިޔާސީ ފަރާތްތަކަށް ރެފިއުޖީންގެ މައްސަލައަށް ހައްލެއް ނުހޯދޭ ކަމަށް ބުނެ އަމިއްލަ ފަރާތްތަކުން ދަނީ އެހީތެރިވުމަށް ނުކުންނަމުންނެވެ.