ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭއިރު ދިވެހި ޓީމުގެ ގޯލަށް ޖަހާ ބޯޅަތައް ގިނަކުރަންޖެހޭނެ ކަމަށް ޗައިނާ ޓީމުން ބުނެފި އެވެ.
މިވަގުތު ގްރޫޕުގެ ތިން ވަނާގައި އޮތް ޗައިނާގެ ކޯޗު ފްރާންސްގެ އެލައިން ޕެރިން ބުނީ ރާއްޖެ އަތުން ކޮންމެހެން ވެސް މޮޅުވާންޖެހޭ ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް ހޯދުން. އަހަރުމެން އެބަޖެހޭ ގޯލަށް ޖަހާ ބޯޅަ ގިނަކުރަން. އަދި ޖަހާބޯޅަތައް ގޯލާ އަމާޒުކުރަން ޖެހޭ ކުރީ (ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗު) މެޗަށްވުރެ ބޮޑަށް. އަހަރުމެން ބޭނުންކުރަންޖެހޭނީ ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބޭނުންކުރި އުކުޅުތައް. އެ މެޗުގައި އަހަރުމެން 40 ޝޮޓްހެދިން ގޯލާ އަމާޒުވި އަށް ބޯޅައާއެކު. އަދި ގިނަ ފުރުސަތުތަކެއް ހޯދިން. އެހެންވީމަ މި މެޗުގައި އެއަށްވުރެ ގިނައިން މިކަން ކުރަންޖެހޭ،" ކޯޗު ބުންޏެވެ.
ނަމަވެސް ކޯޗު ބުނީ ރާއްޖޭގެ ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވުމުން މިދެ ގައުމު ކުޅެންޖެހޭ ދެ މެޗު ވެސް ޗައިނާގައި ކުޅެން ޖެހުމާއި މިހާތަނަށް ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެފައިވީ ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށެވެ.
"ޕޮއިންޓް ހޯދުމަކީ އުނދަގޫކަމެއް. އަހަރުމެންނަށް ފެނުނު މި ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ގަތަރު (ރާއްޖެ ކޮޅަށް) ގޯލެއް ޖަހަން ބޭނުންވި 99 މިނިޓް. މޮޅުވުމަށްޓަކައި އަހަރުމެން ވަރަށް ފަރުވާތެރިވާންޖެހޭނެ،" ކޯޗު ބުންޏެވެ.
މި މެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުކުޅޭނެ އެވެ. އެއީ ކީއްވެގެން ކަމަށް އެފްއޭއެމާއި ދަގަނޑޭ ވެސް ނުބުނެ އެވެ. ޓީމާއެކު ކުރިން މެޗަށް ފުރަން ހަމަޖެހިފައި އޮތް ނަމަވެސް ދަގަނޑޭ އަދިވެސް ހުރީ މާލޭގަ އެވެ.
މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން ޓީމާ ހަވާލުވެހުރި އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އުއްމީދު ކުރެ އެވެ.