މިހާރު ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކް ގައުމުތަކުން ކުރާ މަސައްކަތަށް، އެމަޖެންސީ ފަންޑެއް އުފައްދަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހަޅުއްވައިފި އެވެ.
މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި އެމަނިކުފާނު ވަނީ އެ ފަންޑު އުފައްދަން އިންޑިއާ އިން 10 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް ވިދާޅުވެފަ އެވެ.
މޯދީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ސާކު ގައުމުތަކުގެ މެދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަދި ހިފެހެއްޓިފައި އޮތް ނަމަވެސް، އެ ބަލި ފެތުރިގެންދާނެ ހާލަތަކަށް ދުރާލައި ތައްޔާރުވާންޖެހޭ ކަމަށެވެ.
އެގޮތުން، އެމަޖެންސީ ފަންޑެއް އުފެއްދުމުގެ އިތުރުން، މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ސާކް ގައުމުތަކުގެ މެދުގައި މެޑިކަލް ރެސްޕޮންސް ޓީމެއް ތަމްރީނުކުރުމަށްވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.
އޭގެ އިތުރުން، އިންޑިއާގައި މިފަދަ ބަލިމަޑުކަމަކަށް ޓްރެއިންކޮށްފައިތިބި ސިއްހީ މާހިރުންގެ ބޭނުން ހިފުމަށް ސާކުގެ އެހެން ގައުމުތަކަށް މޯދީ ވަނީ ދައުވަތު ދެއްވައިފަ އެވެ.
"އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތް ވާންޖެހޭނީ މުޅި ދުނިޔެއަށް ނަމޫނާއަކަށް. އަޅުގަނޑުމެން މި ހަނގުރާމަ ކުރާނީ ގުޅިގެން. އަދި މި ހަނގުރާމަ ކާމިޔާބުކުރާނީވެސް އެކުގައި،" މޯދީ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ވައިރަހާ ދެކޮޅަށް އެކަނި މަސައްކަތްކޮށްގެން މި ސަރަހައްދުގެ އެއްވެސް ގައުމަކަށް ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ.
"އެހެންވީމާ ފުރިހަމަ އަދި ތަފްސީލީ ސަރަހައްދީ ޕްލޭނެއް އެކުލަވައިލަން [އިންޑިއާގެ] ބޮޑުވަޒީރު ނަރެންދުރާ މޯދީ ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން،" ރައީސް ވިދާޅުވި އެވެ.
އެގޮތުން އެކުލަވައިލާ ސްޓްރެޓެޖީއެއްގައި މައިގަނޑު ތިން ކަމެއް ހިމަނަން އެމަނިކުފާނު ގޮވައިލެއްވި އެވެ. އެގޮތުން ހިމަނަން ޖެހޭ ފުރަތަމަ ކަމަކީ ސަރަހައްދީ ގައުމުތަކުގެ ސިއްހަތާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހުރަހެއް ނެތްކަން ކަށަވަރުކުރުން ކަމަށާއި ދެވަނަ ކަމަކީ އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ލުޔެއް ދިނުމުގެ ޕެކޭޖެއް އެކުލަވައިލުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިން ވަނަ ކަމެއްގެ ގޮތުން، ކޮވިޑް-19 އާ ހަނގުރާމަކުރުމުގެ ތަފްސީލީ ސްޓްރެޓެޖީއެއްގައި، ދިގުމުއްދަތުގެ ރިކަވަރީ ޕެކޭޖެއް ހިމެނެންވާނެ،" ރައީސް ވިދާޅުވި އެވެ.
އެ ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާއަށް އިސް ދައުރެއް އަދާކުރެވޭނެ ކަމަށެވެ. އަދި ޗައިނާ ފަދަ ގައުމުތަކުން މި ވައިރަހާ ދެކޮޅަށް ހޯދިފައިވާ ކާމިޔާބީތަކާއި ތަޖުރިބާ ހޯދަންޖެހޭކަމަށްވެސް ޣަނީ ވިދާޅުވި އެވެ.
ސްރީލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްސަވެސް ވިދާޅުވީ މި ވައިރަހާ ދެކޮޅަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުތައް ސާކް ގައުމުތަކުގެ މެދުގައި ހިއްސާ ކުރުން މުހިއްމު ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވައިރަހުގެ ސަބަބުން އިގުތިސޯދުތަކަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރަން ސާކް ގައުމުތަކުން ގުޅިގެން ހައްލުތަކެއް ނެރެންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ މަޝްވަރާތަކުގެ އަލީގައި، މީގެ އެއް ހަފްތާ ފަހުން އިތުރު ވީޑިއޯ ކޮންފަރެންސެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.