ސްރީލަންކާ

ލަންކާއަށް ކަރަންޓް ދީފި، އދ. އިން 47 މިލިއަން ޑޮލަރުގެ އެހީއެއް

ލަންކާ ސަރުކާރުން ހިންގާ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) ގައި މަސައްކަތްކުރާ އިންޖިނޭރުން ޑިއުޓީ އަދާކުރަން ދެކޮޅުހެދުމާ ގުޅިގެން ލަންކާއި ކަރަންޓް ކަނޑާލަން އޮތީ ޖެހިފަ އެވެ. އިންޖިނޭރުންގެ ޝައުވާއަކަށް ވީ އެ މީހުން ބުނާ ގޮތުން އެ މީހުންނާ މެދު ސަރުކާރުން އިހުމާލުވުމެވެ.

އިންޖިނޭރުންގެ ޝަކުވާ އާއި ކަންބޮޑުވުމަށް ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ގޯޓާބޭ ރާޖަޕްކްސަ ވިދާޅުވުމާ ގުޅިގެން އިހުތިޖާޖު ހުއްޓާލައި މަސައްކަތަށް ނުކުތުމަށް އިންޖީރުން މިހާރު ވަނީ ނިންމާފަ އެވެ.

ލަންކާ ނޫސްތަކުން ބުނާ ގޮތުން ސީއީބީ ގައި މަސައްކަތްކުރާ 1،100 ގެ ތެރެއިން 900 އިންޖިނޭރުން ވަނީ އިންޖީނުތައް ނިއްވާލައި އިހުތިޖާޖަށް ނުކުމެވެފަ އެވެ.

ސީއީބީގެ އިންޖިނޭރުންގެ ޔޫނިއަނުން ކަންބޮޑުން ފާޅުކުރީ ކަރަންޓް އުފައްދައި ސަޕްލައިކުރުމަށް އޮންނަ ގާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތްތަކާ މެދު އެވެ.

ލަންކާއަށް ދިމާވެފައި އޮތް އިގުތިސޯދީ ދަތި ހާލަތުން އަރައި ނުގަނެވި ގައުމުގެ ހާލަތު އަދިވެސް އޮތީ ދެބަހޭގަ އެވެ. އދ. އިން ބުނާ ގޮތުން ލަންކާއަށް ދިމާވެފައި އޮތް ދަތި ހާލަތުގެ ނޭދެވޭ އަސަރު މުޅި އާބާދީއަށް ކުރި ނަމަވެސް 1.7 މިލިއަން މީހުން ވަރަށް ނިކަމެތިވާނެ އެވެ.

އދ. ގައި ލަންކާ ސަރުކާރުން އެދުނު އެދުމުގެ މަތިން 47.2 މިލިއަން ޑޮލަރުގެ ޕެކޭޖެއް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. މިއީ އދ. އާއި އިންޓަނޭޝަނަލް މަނީޓަރި ފަންޑު އަދި ވޯލްޑް ބޭންކް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުން ލަންކާއަށް މީގެ ކުރިން ވެދިން އެހީގެ އިތުރު އެހީއެކެވެ.

ލަންކާއަށް އިގުތިސޯދީ ގޮތުން ނިކަމެތިކަން ކުރިމަތިވެފައި އޮތްއިރު ދިމާވެފައި އޮތް އަނެއް ގޮންޖެހުމަކީ މަދަނީ އާންމުންގެ މަދަނީ ބަަސްނޭހުމެވެ.

އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރު އިސްތިފާދޭން ގޮވާލައި ކުރާ އިހުތިޖާޖުގައި ސިޔާސީ ފިކުރުތައް ވެސް ވަނީ ބައިވެރިވެފަ އެވެ. މިކަމަކާ ހެދި ލަންކާގައި އަމަން ގެއްލިފައި އޮންނަތާ ވެސް ހައެއްކަ މަސް ވަނީ އެވެ.

ސިޔާސީ މީހުންނާއި އާންމުން ސަރުކާރަށް ޕްރެޝަރު ކުރަނީ ރައީސް ގޯޓާބޭ އިސްތިއުފާ ދެއްވައި މުޅިން އާ ސަރުކާރެއް އުފެއްދުމަށެވެ. އެހެން ނަމަވެސް ގޮޓާބޭ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެހެން ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށެވެ.