ދުނިޔެ

އިންޑިއާއިން ލަންކާއަށް އެއްބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް

ލަންކާއަށް ދިމާވެފައި އޮތް އިގުތިސޯދީ ދަތި ހާލުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން އެއްބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކަށް ފުރުސަތު ދީފި އެވެ.

ކްރެޑިޓް ލައިން އެއްބަސްވުމުގައި ޝަރުތުކޮށްފަައިވަނީ އަސާސީ ބޭނުންތަކަށް ހޭދަކުރުމަށެވެ. އެގޮތުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ހޭދަކުރުން ފާހަގަކޮށް ބޮޅުއަޅާފައިވެ އެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާ ސަރުކާރުގެ ފަރާތުން ފައިނޭންސް މިނިސްޓަރު ބަސިލް ރާޖަޕަކްސާ އެވެ. ނިއުދިއްލީގައި އޮތް ރަސްމިއްޔާތެއްގައި ދަރަނި ދޫކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިންނެވެ.

ލަންކާ ފައިނޭންސް މިނިސްޓަރު އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރެއްވި އެވެ. އެކްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ވެސް ބައްދަލު ކުރެއްވި އެވެ.

ސްރީ ލަންކާއަށް މިއީ އިގުތިސޯދީ ގޮތުން ވަރަށް ދަތި ދުވަސްތަކެކެވެ. ގައުމު ވެއްޓިފައި އޮތް ދަތި ހާލަތުން ނެގުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރުވެސް ސަރުކާރުގެ މަތިފަޑީގައި އިޚްލާސްތެރިކަން ނެތްކަން ސާބިތުވެ އެވެ.

ސަރުކާރަށް ޖެއްސުން ކުރުމާއި އާންމު ރައްޔިތުން ލައްވައި ސިޔާސީ މީހުން ފައިދާ ނެގުން އަދި މަގުތަކަށް އެއްކޮށް ހަޅޭއްލެވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް އަންނަނީ ގިނަވަމުންނެވެ.

އިންޓަނޭޝަލް މަނީޓަރީ ފަންޑް (އައިއެމްއެފް)އާ ގުޅިގެން ގައުމުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް ބައެއް ވަޒީރުން ދެކޮޅެވެ.

އައިއެމްއެފް އިން ޝަރުތު ކުރަނީ ސަރުކާރުގެ ހިންގުން ހަރަދު ކުޑަކުރުމަށެވެ. އާންމުންނަށް ދެމުން ގެންދާ ބައެއް ހިދުމަތްތައް ވެސް މިދަނޑިވަޅުގައި ކޮންމެވެސް ވަރަކަށް މަދުކުރުމަކީ އައިއެމްއެފް އިން ހުށަހަޅާ ވިސްނުމެކެވެ.

އެހެންނަމަވެސް، ސިޔާސީ ގޮތުން ގައުމު ބައިބައިވެފައި އޮތް މިންވަރުން އައިއެމްއެފް އިން ހުށަހަޅާ ބައެއް ކަންކަން ތަންފީޒު ކުރުން ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.