ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް އިންޑިއާއިން ދޭ އެއްބިލިއަން ޑޮލަރުގެ ކްރެޑިޓްލައިން ހޭދަ ކުރާނީ ކާނާ އާއި ބޭސް ފަރުވާ އަށް ބޭނުންވާ ތަކެއްޗަށް ކަމަށް ލަންކާގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފި އެވެ.
އިންޑިއާ އެމްބަސީން މިހެން ބުނި ސަބަބަކީ އިންޑިއާއިން ލަންކާއަށް ދޭ ފައިސާއަށް ގަންނަނީ މުޒާހަރާ ކުރާ މީހުން ރޫޅާލަން ބޭނުން ކުރާ ބާވަތްތަކުގެ "ވޯޓާ ކެނަން" އުޅަނދު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާފައި ހުރި ވާހަކަތަކަކާ ގުޅިގެންނެވެ.
އެމްބަސީން ބުނީ ލަންކާގެ މާލީ އިދާރާތަކަށް ޖަމާ ކުރަނީ ފައިސާ ނޫން ކަމަށާއި ފޮނުވަނީ އެ ފައިސާއަށްވާ އެހީތެރިކަން ކަމަށެވެ. ނުވަތަ ކޮށްދެނީ ފައިސާ ބޭނުން ކޮށްގެން ކުރަން ޖެހޭ ކަންކަން ކަމަށެވެ.
އިންޑިއާ އެމްބަސީން ބުނި ގޮތުން ލަންކާ ބަނޑަށް ޖެހިދާނެ ކަމަށް އޮތް ބިރަކީ ވެސް ކުޑަ ކަމެއް ނޫނެވެ. ސިއްހީ ކާރިސާއެއް ދިމާވުމަކީ ވެސް މި ހާލަތުގައި ވެދާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންކަމުން، ކްރެޑިޓް ލައިން މެދުވެރިކޮށް ފޯރު ކޮށްދޭ ފައިސާއިން ކުރާ ކަމަކީ ކާބޯތަކެެއްޗާއިން ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ފޯރު ކޮށްދިނުމެވެ. ލަންކާގައި އިގުތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އެކަމަށް ދެކޮޅު ހެދުމަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމުގެ އިގުތިސޯދު އެހާބޮޑަށް އަޑިއަޅާލީ ކޮވިޑްގެ ސަބަބުންނެވެ. އެހެން ނަމަވެސް ސިޔާސީ ފިކުރުގެ އިދިކޮޅު މީހުން ގަބޫލުކުރާ ގޮތުގައި ލަންކާގެ އިގުތިސޯދު މިއިން ޒަމާނަކު ނުދާހާ އަޑިއަށް ދިޔައީ ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވާލާފައި ނެތުމުންނެވެ.
ލަންކާއަށް ބޭނުންވާ ތެލާއި ކާބޯތަކެތި އަދި ބޭސް ފަރުވާގެ ގޮތުގައި ގައުމަށް އެތެރެކުރަން ޖެހޭ ޒަރޫރީ ބާވަތްތައް އެތެރެކުރެވޭ ވަރަށް ވެސް މާލިއްޔަތުގައި ކަމެއް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
ލަންކާގައި މިހާރު އޮތީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އެކަމަކު މި އަމުރަށް ކިޔަމަން ނުވެ ގިނަ ބަޔަކު ދަނީ ހަމަނުޖެހުން ތަކުގައި ބައިވެރިވަމުންނެވެ. ކުއްލި ހާލަތު އިއުލާން ކުރުމުން ހަމަނުޖެހުންތައް ރޫޅާލަން ފުލުހުންނަށާއި ސިފައިންނަށް އާންމު ހާލަތާ ޚިލާފު ބާރުތަކެއް ލިބިގެންދާނެ އެވެ.